22 Jul 2012, 15:15
މޯލްޑިވްސް އެންވަޔަރަންމެންޓް ޕްރޮޖެކްޓްގެ ދަށުން ވޯލްޑް ބޭންކުގެ 214 މިލިއަން ރުފިޔާގެ ލޯނެއްގައި ރާއްޖޭގެ އުތުރުގައި ގާއިމް ކުރާ ކުނި ނައްތާލުމުގެ މަޝްރޫއު ފެށިފައި ނުވާއިރު އެ ޕްރޮޖެކްޓަށް ގިނަ ހަރަދުތަކެއް ކުރަން ޖެހިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފި އެވެ.
އުތުރުގެ ހަތަރު އަތޮޅުގައި ކުނި ނައްތާލުމުގެ ނިޒާމު ގާއިމްކުރުން ވޯލްޑް ބޭންކާއެކު ސަރުކާރުން ސޮއިކޮށްފައި ވަނީ 2008 ވަނަ އަހަރު އެވެ.
އެންވަޔަރަންމެންޓް ޕްރޮޖެކްޓް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް ނިޔާޒު އިބުރާހިމް މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވާފައިވާ އެ ޕްރޮޖެކްޓްގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނަނީ މިދިޔަ އަހަރު ކުރިން ކުނި ނައްތާލުމުގެ ނިޒާމު އަތޮޅުތަކުގައި ގާއިމްކޮށް ނިންމަން ކަނޑައަޅި ނަމަވެސް އެ ޕްރޮޖެކްޓް ނިމިފައި ނުވާ ކަމަށެވެ.
ޕްރޮޖެކްޓް ފެށިފައި ނުވިނަމަވެސް އެ ޕްރޮޖެކްޓަށް ހޯދާފައިވާ މުވައްޒަފުންނަށް ބަރާބަރަށް މުސާރަދެމުންދާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެ ޔުނިޓްގެ މުވައްޒިފުންގެ މުސާރައަށް ކޮންމެ މަހަކު 374،858ރ. ހަރަދުކުރެ އެވެ. އެއީ އަހަރެއްގެ މައްޗަށް 4.5 މިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. ޕްރޮޖެކްޓްގެ އެޑްވައިޒަރަކަށް ހުންނަ ބިދޭސީ މީހާއަށް އެކަނިވެސް މަހެއްގެ މައްޗަށް 73254ރ. ހަރަދުކުރާ މައްސަލަ ރިޕޯޓްގައި ހިމަނާފައި ވެއެވެ.
އެ ޕްރޮޖެކްޓްގެ ދަށުން އުތުރުގެ 46 ރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހަދަންޖެހޭއިރު އެތަންތަން އަދިވެސް އިމާރާތްކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. އަދި މަޝްރޫއު ފަށަން ކުރަން ޖެހޭ ބައެއް ދިރާސާތައް ކުރެވިފައި ނެތް ކަމަށާއި ކުނީގެ ތަހުލީލު ކުރަން ބޭނުންކުރާ އުޅަނދު ބަނުމަށް ބޭނުންވާ ޑިޒައިން ހަދާފައި ހުރި ނަމަވެސް އެ އުޅަނދު ބަނުމުގެ މަސައްކަތް ފަށާފައި ނުވާކަމަށް ވެސް ވެއެވެ.
އެ ޕްރޮޖެކްޓްގެ މަސައްކަތް ނުފެށި އޮތް ނަމަވެސް އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ އެ ޕްރޮޖެކްޓްގެ ފައިސާ ގަވާއިދާއި ހިލާފަށް ބޭނުން ކުރާކަން އެނގެން ނެތް ކަމަށާއި ފައިސާ ހަރަދު ކުރަނީ ލޯނުގައި ކަޑައެޅިފައިވާ ކަންތައްތަކަށް ކަމަށެވެ.
މަޝްރޫއުގެ ދަށުން ދިވެހި 25 ކުއްޖަކަށް ވަނީ ތައުލީމި ހާސިލްކުރުމުގެ ފުރުސަތު ދިނެވެ އޭގެތެރެއިން 11 ކުދިން ތައުލީމު ހާސިލް ކުރީ ރާއްޖޭން ބޭރުންނެވެ.