ގުޅިފަޅުން ހިއްކާފައިވަ 11 ހެކްޓަރުގެ ބިން ގުޅިފަޅު ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ގުޅީފަޅުގެ ބިން ރަސްމީކޮށް ހަވާލުކުރަން ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ލިޔުން ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ގުޅިފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ފަރާތުން ލިޔުމާ ބހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނައުޝާދެވެ.

މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ ގުޅިފަޅުގެ ބިން ހިއްކުމަށްފަހު އެބިން އެ ކުންފުންނާއި ހަވާލުކުރުމަކީ މުހިންމު އެއް މަސައްކަތް ކަމަށް ސަރުކާރުން ދެކޭ ކަމަށާއި ގުޅިފަޅު ތަރަށްގީވުމުން އެރަށުގައި މީހުން އާބާދުވެ ތަރައްގީގެ ގިނަ މަސައްކަތްތަށް ހިނގާ ތަނަކަށް ވެގެންދާނެ ކަމަށެވެ.

"ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއުގެ ތެރެއިން އެންމެ މުހިންމު އެއްކަންތަށް މިއަދު ހަމަޖެހިގެން މިދިޔައީ އެތައް ދުވަހެއް ވެފައިވާ ކަމެއް ގުޅިފަޅުގެ ބިން ރަސްމީކޮށް އެކަމަށްޓަކައި އުފައްދާ ފައިވާ ކުންފުންޏާއި ހަވާލުނުކުރެވި އޮތުން ނިމުކަމަށް އައިސް އެކަން މިއަދު ހަމަޖެހިގެން ދިއުން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގުޅިފަޅަކީ މީހުން ދިރިއުޅޭން ބިނާކުރާ ރަށެއް ކަމަށް ވުމާއެކު އެ ރަށުގައި އިމާރަތްކުރާ ފްލެޓްތަކާއި ގެތަށް އެދެވޭ ގޮތެއް ގައި ބޭނުން ކުރަން މަގުފަހިކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތަށް ކުރައްވާނެ ކަމަށެވެ. ތިލަފުށީން ކުނި އެންދުމުގެ ސަބަބުން ގުޅިފަޅަށް ކުރިމަތިވާ ދުމުގެ މައްސަލަތައްވ ހައްލުކުރުމުގެ ގޮތުން ތިމާވެއްޓާބެހޭ މިނިސްޓްރީއާ ވާހަކަ ދައްކާ ހައްލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެތަނުގައި [ތިލަފުށީގައި] އެންވަޔަރުމަންޓް ފްރެންޑްލީ ގޮތަކަށް ކުނިނައްތާލުމުގެ ނިޒާމެއް ގާއިމުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ސަރުކާރުން ވަރަށް އަވަހަށް ފަށާނަން. ގުޅިފަޅު އަދި މިސަރަހައްދު އެދެވޭ ގޮތެއްގައި ތަރައްގީ ކުރުމަށް ކުރެވޭ އެންމެ މުހިންމު އެއްކަންތައް އެއީ ތިލަފުށީގެ މައްސަލަ ހައްލުވެގެން ދިއުން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން މާލޭގެ ބައެއްގެ ގޮތުގައި ގުޅިފަޅު ހަދަން މަސައްކަތް ކުރިނަމަވެސް ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް އެކަން އެގޮތަށް ނުކުރެވޭތީ ގުޅިފަޅު ވަކި ރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަން ކުރަންޖެހޭ ގާނޫނީ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ގުޅިފަޅަކީ ވަކި ރަށެއްގެ ގޮތުގައި ހަމަޖައްސާއިރު އެ ރަށުގައި ގާއިމް ކުރާނީ ވަކި ކައުންސިލެއްތޯ އާއި އެ ރަށަށް ކިޔާނެ ނަން ސަރުކާރުން ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.

"ގަނޫނު އަސާސީގައި ވަރަށް ސާފުކޮށް މާނަކޮށްފައި އެބައޮތް މާލެއަކީ މާލެއާއި ހުޅުމާލެއާއި ވިލިނގިލި ކަމަށް އެހެން އޮއްވާ އެއްވެސް ގޮތަކަށް ގާނޫނީ ގޮތުން ފުރުސަތެއް ލިބިގެނެއް ނުދޭ އެހެން ތަނެއް މާލޭގެ ގޮތުގައި ކަނޑައަޅާކަށެއް. ބައެއް ގަނޫނީ ބަދަލުތަކެއް އައިސްގެން ނޫނީ އެހެން ކަނޑައެޅޭކަށެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގުޅީފަޅުގެ ބިމަށް އިތުރުކުރާ 17 ހެކްޓަރުގެ ބިން ހިއްކުމަށް ޓަކައި ބޮސްކާލިސްގެ ފަރާތުން މިމަހުގެ 26 ވަނަ ދުވަހު މަސައްކަތް އަލުން ފަށާނެ ކަމަށެވެ.