ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީ އަސްކަރީ އޮފިސަރެއްގެ ރޯލް ކުޅެފައިވާ ފިލްމު "ގްރައުންޑު ޒީރޯ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމަކީ 2001ވަނަ އަހަރު ކަޝްމީރުގައި ހިނގި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އިމްރާން މި ފިލްމުގައި ކުޅެފައި ވަނީ އެ ސްޓޭޓްގައި 70 އަށްވުރެ ގިނަ އަސްކަރީ އޮފިސަރުންތަކެއް މަރާލި ހާދިސާއާ ގުޅިގެން ހިންގި އޮޕަރޭޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އެ އޮޕަރޭޝަން ލީޑުކުރި ނަރެންދުރަ ނާތު ޑުބޭގެ ރޯލެވެ.

ބީއެސްއެފް އޮފިސަ ނަރެންދުރަ ނާތު ޑުބޭ އަކީ ކަޝްމީރުގައި އަތްގަދަކޮށްގެން އުޅުނު ޓެރަރިސްޓު ޤާޒީ ބާބާ ބަލިކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު އަސްކަރީ އޮފިސަރެވެ.

އެކަން ފާހަގަ ކުރުމުގެ ގޮތުން އިންޑިއާގެ ކުރީގެ ރައީސް އޭޕީޖޭ ޢަބްދުލް ކަލާމް ވަނީ އިންޑިއާގެ މިލިޓަރީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދެވޭ ދެވަނައަށް އެންމެ މަތީ ޝަރަފު ކަމަށްވާ 'ކީރުތީ ޗާކްރާ'ގެ ޝަރަފު ވެސް ދެއްވާފައެވެ.

ފިލްމު "ގްރައުންޑް ޒީރޯ"ގެ ހަގީގީ ހީރޯ ބީއެސްއެފް އޮފިސަ ނަރެންދުރަ ނާތު ޑުބޭ--ފޮޓޯ/އެމްއެސްއެން

އަންނަ މަހުގެ 25 ވަނަ ދުވަހު ސިނަމާތަކަށް ދޫކޮށްލާ މި ފިލްމުގެ ޑައިރެކްޓަރަކީ ތެޖާސް ޑިއޮސްކަރެވެ. ފިލްމު "ގްރައުންޑު ޒީރޯ"އަކީ މަގުބޫލު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު އަދި އެކްޓަރު ފަރުހާން އަޚްތަރު އަދި ރިތެޗް ސިދުވާނީ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މި ފިލްމުގެ ގެނެސްދެނީ ފަރުޚާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެކްސެލް އެންޓަޓެއިންމަންޓްއިންނެވެ.

ކުރިންވެސް އެކްޝަން ފިލްމުތަކުން ފެނިފައިވާ އެކްޓަރު އިމްރާން ހާޝިމީ އަންނަނީ އެކްޓަރުގެ ފުރަތަމަ ތެލުގޫ ފިލްމު "އޯޖީ"ގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ފިލްމުގައި އިމްރާންގެ ބަތަލާގެ ރޯލް ކުޅޭނީ މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ބަތަލާ ވަމީގާ ގައްބީއެވެ.