އައްޑޫ ސިޓީގެ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ލިބޭ މީހުންގެ ތެރެއިން 10 މީހަކު ދައުވާއަށް އިންކާރުކޮށްފި އެވެ.

ދައުވާއަށް މިއަދު އިންކާރުކޮށްފައި ވަނީ ސ. ހުޅުދޫ، ކަޅުމަގިގޭ، މޫސާ ޒުބައިރާއި، ކުރިކީލަގޭ، އަލީ ރުޝްދީ އާއި އާބާދުވިލާ، އަބްދުއް ސަލާމާއި ކޮކާހަނދުވަރު، އިލްޔާސް ފުއާދާއި ކުދިމާގޭ، އަބްދުﷲ ވާސިގާއި ވެލްބޭ ކްރެސެންޓް، އަލިމަނިކުފާނާއި، ސަން ފްލާވާ، އަހުމަދު އިފްޒާލް އާއި، ކުދީނާގޭ، އަހުމަދު ރިޔާހާއި ނާދީ، މުޒުލިފް ޖައުފަރު އަދި ސައިފަތްމާގޭ، ޝަރުހޫދެވެ.

ދައުލަތުން ދައުވާ އިއްވުމުން އެ މީހުން ބުނީ ދައުވާ ސާފުވިޔަސް ދައުވާއަށް އިންކާރު ކުރާކަމަށެވެ. އަދި ބުނީ ދައުވާއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކާނީ އެމީހުންގެ ގާނޫނީ ވަކީލު ކަމަށެވެ.

އެމީހުންގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ދައުވާގައި ކުށެއް ކަމަށް ބުނެފައިވާ އެއްވެސް ކަމެއް އެމީހުން ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް ބަޔަކު އެމީހުން އެފަދަ ކަމެއް ކުރިކަމަށް ބުނާނަމަ އެއީ ދޮގެއް ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.

އެ 10 މީހުންގެ މަޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 7:00 އެހާކަންހާއިރު އެ މީހުން ހުޅުދޫ މެޖިސްޓްރޭޓް ކޯޓު ދޮށަށް އެއްވެ ކޯޓުގެ އިމާރާތާއި ކޯޓުގެ މުދަލަށް ގެއްލުންދީފައިވާތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާކަމަށެވެ.

އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.

މީގެ އިތުރުން އެ 10 މީހުންގެ ތެރެއިން ޒުބައިރާއި، ރުޝްދީ އާއި، އިލްޔާސާއި އަދި ސަލާމްގެ މައްޗަށް ވަނީ އިތުރު ޓެރަރިޒަމްގެ ދައުވާއެއް ވެސް އުފުލާފަ އެވެ.

އެ ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ ހަތަރު މީހުން ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 7:00 އެހާކަންހާއިރު ހުޅުދޫ މެޖިސްޓްރޭޓް ކޯޓު ދޮށަށް އެއްވެ އެ ކޯޓުގައި ހުޅުޖެހުމަށް ގޮވާލާފައިވާތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ދަށުން އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާކަމަށެވެ.

އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ވެސް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.

އެ މީހުން ދައުވާއަށް އިންކާރު ކުރުމުން ދައުވާ ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދިނުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހަޅާ ހެކިތަކަކީ ސިއްރު ހެކިތަކަކަށް ވާތީ ލިޔުމުން ހެކި ހުށަހެޅުމަށް ފުރުސަތު ބޭނުންވާ ކަމަށެވެ. އަދި ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީސް 10 ދުވަސް ފަހުން ބާއްވައި ދިނުމަށް ވެސް ދައުލަތުން އެދުނެވެ.

ދައުވާ ލިބޭ 10 މީހުންނަށާއި ދައުލަތަށް ވެސް ގާޒީ މިއަދު ވަނީ ހެކި ހުށަހެޅުމަށް ދެ ދުވަހުގެ ފުރުސަތެއް ދީފައެވެ.

ގާޒީ ވިދާޅުވީ ހެކި ހުށަހަޅާއިރު ހެކީންގެ ފަރާތުން ސާބިތުކުރަން ބޭނުންވަނީ ކޮންކަމެއްކަން ބަޔާން ކުރަންޖެހޭނެ ކަމަށެވެ. އަދި މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ 10 ދުވަސް ފަހުން ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމުގެ ޝަރީއަތް ބާއްވާނެކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.

ހުޅުދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގައި ޖުމްލަ 13 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ.

އެ މީހުންގެ ތެރެއިން މިއަދު ކޯޓަށް ހާޒިރު ނުވަނީ ހުޅުދޫ މަދަރުސާ ދޮށުގޭ، ވިޝާހު އަލީ އާއި، އައްސޭރިވިލާ އަހުމަދު ހާރޫނު ހުސެއިން އަދި ސީވޭވް، އިބްރާހިމް ސަމާހު އެވެ.