22 Jul 2012, 14:10
އަންނަ ހުކުރު ދުވަހު ލަންޑަނުގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ކަންތައްތައް ސުލްހަވެރިކޮށް ކުރިއަށް ގެންދިއުމުގައި ހުރިހާ އެތުލީޓުންގެ ފަރާތުން އެއްބާރުލުން ދިނުން ވަރަށް މުހިންމު ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ޖަކް ރޮގާ ގޮވާލައިފި އެވެ.
މިފަހަރުގެ މުބާރާތް ލަންޑަނުގައި ފެށެން އެންމެ ހަތަރު ދުވަހަށް ވެފައި ވަނިކޮށް، އިއްޔެ ބޭއްވި ނިއުސްކޮންފަރެސްގައި ރޮގާ ވިދާޅުވީ، މިފަހަރުގެ މުބާރާތަކީ ވެސް އެހެން އަހަރު ތަކެކޭ އެއްގޮތަށް ވަރަށް ކުލަގަދަކޮށް، އަދި އެހާމެ ފޯރިގަދަ ކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޖަކް ރޮގާ ވިދާޅުވީ، ލަންޑަން އޮލިމްޕިކްސްގެ ދަންމަރު މިހާރު ލަންޑަނަށް ގެނެވިފައިވާކަމަށާއި އަދި މިމުބާރާތުގެ ސަލާމަތީ ކަންތައްތަކުގެ އިތުރުން ދަތުރު ފަތުރުގެ ކަންތައްތައް ރޭވިފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި ހުރިހާ އެތުލީޓުންގެ ފަރާތުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާ މަންޒަރުތައް ފެންނާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
މިފަހަރުގެ އޮލިމްޕިކްސް ގޭމްސްގައި 204 ގައުމަކުން 10000 ވުރެ ގިނަ އެތްލީޓުން ވާދަކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.