22 Jul 2012, 14:03
އދ. މަޖިލިސް (ޖުލައި 22) : މިޔަންމާގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންގެ ނަސްލުނައްތާލައި އެމީހުން ވުޖޫދުން ފުހެލުމަށް ބުޑިސްޓުންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި މިޔަންމާގެ ސަރުކާރު ބައިވެރިވާ ކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި އިސްލާމީ ބައެއް ޤައުމުތަކުން ކުރަމުން ގެންދާ ތުހުމަތުތަކަށް މިޔަންމާގެ ސަރުކާރު އިންކާރުކޮށްފި އެވެ.
މިޔަންމާ ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވީ ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި އިސްލާމީ ބައެއް ޤައުމުތަކުން ކުރަނީ އަސާސެއްނެތް ތުހުމަތުތަކެއް ކަމަށާ ރެކިން ސްޓޭޓްގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ނަސްލީ ހަރުކަށި ޢަމަލުތައް ހުއްޓުވުމަށްޓަކައި އެސްޓޭޓްގައި ކުއްލި ޙާލަތު އިޢްލާންކޮށްގެން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.
ނަމަވެސް ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި އިސްލާމީ ބައެއް ޤައުމުތަކާއި އއައިސީން ބުނަނީ ބުޑިސްޓް ޖަމާއަތްތަކުން ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކުގައި މިޔަންމާ ސަރުކާރުގެ ސަލާމަތީ ބާރުތައް ވެސް ވާގިވެރިވެ އެޖަރީމާތަކުގައި ބައިވެރިވާ ކަމަށެވެ. ބޭރުގެ ބައެއް މުރާސިލުންވެސް ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކުގައި މިޔަންމާގެ ސަލާމަތީ ބާރުތައް ބައިވެރިވާކަން ހާމަކޮށްފަ އެވެ.
ރެކިން ސްޓޭޓްގައި ޙަރަކާތްތެރިވާ އެސޯސިއޭޓެޑް ޕްރެސް ގެ މުރާސިލުންނާ ޙަވާލާދީ އެއެޖެންސީ ބުނާގޮތުން ބުޑިސްޓް ޖަމާއަތްތަކުން ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކުގައި މިޔަންމާ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ފަރުދީ ގޮތުން ބައިވެރިވެއެވެ. އަދި ބައެއްޙާލަތްތަކުގައި މިޔަންމާގެ ސަލާމަތީ ބާރުތަކުން ސީދާގޮތެއްގައި މުސްލިމުންނާދެކޮޅަށް ލާއިންސާނީ ޢަމަލުތައް ހިންގުމުގައި ބައިވެރިވެއެވެ. މީގެއިތުރުން ބުޑިސްޓް ޖަމާއަތްތަކުން ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކަށް މިޔަންމާ ސަރުކާރުން ލޯމަރާލައި އަޅާނުލާކަމަށްވެސް މިއ ެޖެންސީން ބުނެއެވެ.
މިޔަންމާގެ އަނިޔާވެރިކަމާ ގުޅިގެން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައިވާ ރޮހިންގިޔާ ދަރިކޮޅުގެ މިޔަންމާގެ ނިކަމެތި މުސްލިމުންނަށް އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާއިރު އެމީހުންނާދެކޮޅަށް ބުޑިސްޓް ޖަމާއަތްތަކުން ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތައް ހުއްޓުވުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ކުރެވުނު އެއްވެސް ކަމެއްނެތެވެ.
ޑިމޮކްރަސީގެ މައްސަލާގައި މިޔަންމާއާދެކޮޅަށް ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް މިމައްސަލާގައި މިޔަންމާއަށް މާބޮޑުފިއްތުންތަކެއް ކުރިމައްޗެއް ނުވެއެވެ. މިޔަންމާއާއި ބަންގްލަދޭޝްއާ ގުޅުނު ހިސާބުގެ މިޔަންމާގެ ފަޅީގައި ދިރިއުޅޭ ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނަކީ މިޔަންމާއިން އެޤައުމުގެ ރައްޔިތުންގެ ގޮތުގައި ބަލައިނުގަންނަބައެއްނޫނެވެ. މިޔަންމާ ސަރުކާރުން ދެކޭގޮތުގައި ރޮހިންގިޔާ ނަސްލުގެ މުސްލިމުންނަކީ ބަންގަދޭޝް އިން އެޤައުމަށް ޣައިރު ޤާނޫނީ ގޮތުން ހިޖްރަކޮށްގެންއުޅޭ ބަންގްލަދޭޝަށް ނިސްބަތްވާ ބައެކެވެ. އެހެންކަމުން މިޔަންމާއިންވަނީ ރޮހިންގާ ދަރިކޮޅުގެ މިސްލިމުން އިންސާނީ އަސާސީ ހުރިހާ ހައްޤުތަކަކުން މަޙްރޫމް ކޮށްލާފައެވެ. -- އަލްޖަޒީރާ