22 Jul 2012, 13:23
ފެންޓަސީ ބޭކަރީން އާންމު ސިއްހަތާއި ނުގުޅޭ ކާނާ ވިއްކި މައްސަލަ ފަޅާ އަރުވާލި އެ ބޭކަރީގެ މުވައްޒަފު، ޒިދުނާ އަލިމަނިކު ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ވަޒީފާޔާ ބެހޭ ޓްރައިބިޔުނަލުން ނިންމައިފި އެވެ.
ފެންޓަސީ ބޭކަރީގެ ކޭކް ޑެކަރޭޓާ އަދި ސުޕައިވަޒަރެއްގެ މަގާމުވެސް އަދާކުރަމުންދިޔަ ޒިދުނާ ޓްރައިބިޔުނަލަށް ވެއްދި މައްސަލަ ނިންމަމުން ވަޒީފާޔާ ބެހޭ ޓްރައިބިޔުނަލުން މިއަދު ބުނެފައިވަނީ ޒިދުނާ ވަޒީފާއިން ވަކިކޮށްފައިވަނީ އަހުލާގީ ފެންވަރު ދަށްވެގެން އިސްލާހުވާން ފުރުސަތު ދިނުމަށް ފަހުގައި ކަމަށް ފެންޓަސީން ބުނި ނަމަވެސް އެކަން ސާބިތުވާ ވަރަށް ޓްރައިބިޔުނަލަށް ހެކި ހުށަހަޅާފައިނުވާ ކަމަށާއި އެހެންކަމުން ޒިދުނާ ވަޒީފާއިން ކަނޑާލީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ.
"ވަޒީފާޔާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މައްސަލަ ހުށަހެޅި ޒިދުނާ އަލިމަނިކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ގާނޫނާއި ހިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން ސާބިތުވެ އެވެ،" ޓްރައިބިޔުނަލްއިން ބުނެފައިވެ އެވެ.
ވަޒީފާޔާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ފެންޓަސީ ބޭކަރީން ޒިދުނާއަށް ލިބުނު ގެއްލުމުގެ ބަދަލަށް 24000ރ. ހަތް ދުވަހުގެ ތެރޭގައި އެއްފަހަރާ ޒިދުނާއަށް ދޭންޖެހެ އެވެ. އަދި އެކަން ވަޒީފާޔާ ބެހޭ ޓްރައިބިޔުނަލްއަށް ލިޔުމަކުން އަންގަން ވެސް ޖެހެ އެވެ.
ބޭކަރީގެ ހިދުމަތް ދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ފެންޓަސީ ބޭކަރީއިން ގެރެންޓީ ހަމަވެފައިވާ ބައެއް ތަކެތިން އެއްޗިހި ހަދާ ވިއްކަމުން ދާ ކަމަށާއި އެތަނުގެ ގުދަނާއި ބަދިގެޔަކީ ސިއްހަތާއި ނުގުޅޭ ނުރައްކާ ތެރިތަނެއް ކަމަށް ބުނެ އެ މައްސަލަ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސަމާލުކަމަށާއި މީޑިޔާގެ ސަމާލުކަމަށް ގެނައީ ޒިދުނާ އެވެ. އަދި އެ ޝަކުވާޔާއި ގުޅިގެން އެތަންތަން ބަލައި ފާސްކުރުމަށް ފަހު ފެންޓަސީ ބޭކަރީ އާއި ފެންޓަސީ ސްޓޯރުވެސް ވަނީ ބަންދުކޮށްފަ އެވެ. އެތަން ހުޅުވުމުގެ ހުއްދަ އަލުން ދޫކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ޓްރޭޑް މިނިސްޓްރީންނެވެ. އެކަމާ ގުޅިގެން އެތަން ބަންދު ކޮށްދިނުމަށް ސިޓީ ކައުންސިލުން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.