24 Aug 2010, 18:03
23:00
ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތައް ނިގުޅައިގަތުމަށް ގާނޫނުތަކެއް ފާސްކޮށްފައި އެބަ ހުރި ކަމަށާއި އެބާރުތައް ރައީސުލް ޖުމްހޫރިއްޔާ އަށް ހޯދައި ދިނުމަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީއާ ހިލާފު ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތައް އުވާލުމުގެ ގަރާރުގެ ބިލު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުލުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ގިނަ ބާރުތަކެއް ގާނޫނުތަކަކުން ނިގުޅައިގަނެ، އެ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން، މާލިއްޔަތުގެ ގާނޫނަށް ގެނައުމަށް ފާސްކުރި އިސްލާހުގެ ތެރެއިން ނާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި، އެމްބީސީގެ ބޯޑު މެދުވެރިކޮށް މީޑިޔާގެ ބާރު ހޯދުމަށާއި، ސިވިލްސާވިސް ކޮމިޝަންގެ ގާނޫނުގެ ތެރެއިން، ރައީސަށްލިބިގެންވާ ބާރުތަކެއް އުނިކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މޫސަ ވިދާޅުވީ، އެ ގާނޫނުތަކަށް އެމްޑީޕީގެ ޕާލަމެންތްރީ ގްރޫޕުން އިސްލާހް ހުށަހަޅުއްވާނެ ކަމަށެވެ.