22 Jul 2012, 13:15
އެމްޑީޕީގެ "ސީދާ ކުއްލި ހަރަކާތު"ގެ ތެރެއިން އިއްޔެ ހަވީރު ހައްޔަރު ކުރި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަނޭޝަނަލް، ހާމިދު ޢަބްދުލް ޣަފޫރާއި އޭނާއާއެކު މުޒާހަރާއިން ހައްޔަރުކުރި އެހެން ބައިވެރިން ވަގުތުން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ހާމިދާއި އޭނާގެ ބައިވެރިން ވެސް ހައްޔަރުކޮށްފައިވަނީ ސުލްހަވެރި މުޒާހަރާ ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ އެންމެން ހައްޔަރުކުރީ އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް، އަނިޔާވާ ގޮތަށް ކަމަށެވެ. އެ އެންމެން ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީން ވަނީ އެކަން ކުށްވެރި ވެސް ކޮށްފަ އެވެ.
އެމްޑީޕީން ބުނީ އިއްޔެ އެޕާޓީގެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި ދުންމާރި ނާޒިމް ވެސް ހައްޔަރުކޮށްފައިވަނީ އިހުތިޖާޖްގެ ތެރެއިން ނޫންކަމަށާއި ހައްޔަރުކުރީ ގެކައިރީގައި ހުއްޓާ ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ކަމަށެވެ.
ފުލުހުން ލާއިންސާނީ އަމަލު ހިންގާ ކަމަށާއި އެކަންކަން މިހާރުން މިހާރަށް ހުއްޓާލަން ފުލުހުންނަށް ގޮވާލާފައިވާއިރު އި އެފަދަ އަމަލުތަކަށް ފާރަވެރިވެ، ހުއްޓުވުމަށް އެޗްއާރްސީއެމަށާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
ފުލުހުންގެ ބުނީ ހާމިދު ހައްޔަރުކުރީ ބެރިކޭޑްތައް ފަޅާލައި އަމުރަށް ނުކިޔަމަން ތެރިވެ ވަޑައިގެންނެވުމުން ކަމަށެވެ. އަދި ބުނީ އިއްޔެ އާއި ރޭ މުޒާހަރާއިން ހައްޔަރު ކުރީ ހަތް މީހުން ކަމަށާއި އޭގެ ތެެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ.