22 Jul 2012, 13:01
އެންމެފަހުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން، ޗެލްސީއަށް ބަދަލުވުމަށް ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު އޮސްކާ މެޑިކަލް ޓެސްޓުތައް ފުރިހަމަކުރަން ފަށައިފި އެވެ.
މިކަން ކުލަބުން ކަށަވަރުކޮށްދިން ނަމަވެސް ޗެލްސީއާއެކު އޭނާ އަދި އެއްވެސް ކޮންޓްރެކްޓެއް ހަދާފައި ނުވާކަމަށް އޮސްކާގެ އެޖެންޓު ވަނީ ބުނެފައެވެ.
އުމުރުން 20 އަހަރުގެ އޮސްކާވަނީ މިއަހަރު ލަންޑަންގައި އޮންނަ އޮލިމްޕިކްސް ގޭމްސްއަށްއަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލް ގައުމީ ޓީމާއި ގްރޭޓް ބްރިޓަން ބައްދަލުކުރި މެޗުގައި ކުޅެފައެވެ. އެމެޗު ބްރެޒިލް ޓީމް ކާމިޔާބުކުރީ 2-0 ންނެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބްރެޒިލްގެ އިންޓަނޭސިއަނަލްގެ ޕްލޭމޭކަރު އޮސްކާއަށް ޗެލްސީއިން 25 މިލިޔަން ޕައުންޑްގެ ހުށަހެޅުމެއް ވަނީ ހުށަހަޅައިފައެވެ. އޭނާ އިންޓަނޭސިއަނަލްއަށް ބަދަލުވެފައިވަނީ 2009 ވަނަ އަހަރުއެވެ.
އޮސްކާ ވަނީ މިދިޔަ އަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑްކަޕް ފައިނަލް މެޗުގައި ބްރެޒިލްއަށް ހެޓްރިކެއް ހަދާފައެވެ. އެފަހަރުގެ ފައިނަލުގައި ބްރެޒިލްއާ ދެކޮޅަށް ކުޅުނީ ޕޯޗްގަލްއެވެ.