07 Apr 2025, 09:08
ބޮލީވުޑްގެ ބަތަލާ ޖެކްލީންގެ މަންމަ ކިމް ފެނާންޑެޒްއަށް ސްޓްރޯކެއް ޖެހި ދުވަސްތަކެއް ވަންދެން އެކަމަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެއެވެ.
މެލޭޝިއާއަށް ނިސްބަތްވާ ކިމް ފެނާންޑެޒް މަރުވެފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ކިމް މަރުވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު މިދިޔަ ހަފުތާގެތެރޭ ޖެކްލީންގެ މަންމަ ކިމްގެ ހާލަތު ކުރިއަށްވުރެ ރަނގަޅު ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.
މަންމަ ކިމް ފެނާންޑެޒްއަށް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ ޚަބަރު ޖެކްލީންއަށް ލިބުނީ މިދިޔަ މަހު އިންޑިއާގައި އޮތް އައިޕީއެލް ހަފްލާއެއްގައި ބަތަލާގެ ހުށަހެޅުމަކަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ބޮލީވުޑް ބަތަލާ ޖެކްލީން ފެނާންޑެޒް މައިންބަފައިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ސްރީލަންކާއަށް ނިސްބަތްވާ ބަތަލާ ޖެކްލީން އިންޑިއާގައި ދިރިއުޅެމުން އަންނަނީ މައިންބަފައިންނާ ވަކިން އެކަންޏެވެ. ތަންކޮޅެއް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖެކްލީން ބުނެފައި ވަނީ ބަތަލާގެ ދިރިއުޅުމުގައި މިހާތަނަށް ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑު އެއްބާރުލުމެއް ލިބިފައި ވަނީ މަންމަ ކިމް އާއި ބައްޕަ އެލްރޮއި ފެނާންޑެޒްގެ ފަރާތުން ކަމަށެވެ.
މައިންބަފައިންނާ ވަކިން މުމްބާއީގައި އެކަނި ދިރިއުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި މައިންބަފައިން މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށް ޖެކްލީން ވަނީ ބުނެފައެވެ.
ފިލްމު "އެލެޑިން"އިން 2009ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ބަތަލާ އުފަންވެފައި ވަނީ ބަހްރައިންއަށެވެ. ސްރީލަންކާއަށް ނިސްބަތްވާ އެލްރޯއި ފެނާންޑެޒް އާއި ކިމް ފެނާންޑެޒް ބައްދަލުވެފައި ވަނީ 1980އިގެ އަހަރުތަކުގެތެރޭ ޖެކްލީންގެ މަންމަ ކިމް އެއާހޮސްޓެސްއެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރުއެވެ.