ނޭޝަނަލް ލޯ ރިފޯމް ކޮމިޝަން 2010 ވަނަ އަހަރު އުވާލައި އެ ކޮމިޝަންގެ ތަކެތި އެޓާނީ ޖެނެރަލްގެ އޮފީހަށް ބަދަލުކުރިއިރު ކޮމިޝަންގެ ހުރިހާ ތަކެތި އެ އޮފީހަށް ލިބިފައިވާކަން އެގެން ނެތް ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ނެރުއްވާފައިވާ އެޓާނީ ޖެނެރަލް އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ހިންގަމުން ދިޔަ ލޯ ރިފޯމް ކޮމިޝަން އުވާލާ އެތަނުގެ ލިޔެކިޔުންތަކާއި މުދަލާއި އަދި މުވައްޒަފުން އޭޖީ އޮފީހަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ލިޔެކިޔުމުން ހަވާލުކޮށްފައިވަނީ ތިޖޫރި އާއި ފަރުނީޗަރު ކަމަށެވެ.

ރިޕޯޓް ބުނަނީ އޭޖީއޮފީހަށް ތަކެތި ބަދަލުކުރުމަށް ސްޓޮކް ކައުންޓެއް ހަދާފައި ނުވާއިރު ލޯ ރިފޯމް ކޮމިޝަންގެ ހަރުމުދަލުގެ އިންވެންޓްރީ އާއި އޭޖީ އޮފީހުން ހަވާލުވެފައިވަނީ އެތަކެތި ހަމަޔަށް ހުރިތޯ ޗެކްކުރުމެއް ނެތި ކަމަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު ހިމެނޭ އޮފީހެއް އުވާލެވިއްޖެ ނަމަ ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ އޮފީހެއް އުވާލެވުނުތާ ހަމަސް ދުވަސްތެރޭ އޮޑިޓާ ޖެނެރަލްގެ އޮފީހަށް އޮޑިޓް ރިޕޯޓެއް ފޮނުވަން ޖެހޭ ކަމަށާއި އެ ރިޕޯޓު އަދިވެސް ފޮނުވާފައިވާ ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައި ވެއެވެ.

"އެހެންކަމުން ލޯ ރިފޯމް ކޮމިޝަންގެ ބެލުމުގެ ދަށުގައި ހުރި ދައުލަތުގެ މިލްކިއްޔާތާއި އެހެނިހެން ވަސީލަތްތައް ބަރާބަރަށް، ހަމައަށް އޭޖީ އޮފީހަށް ހަވާލުކުރެވުނު ކަން ޔަގީން ކުރެވޭނެ ގޮތެއް ނެތެވެ،" އޯޑިޓް ރިޕޯޓުގައިވެ އެވެ.

އޭޖީގެ އޮޑިޓް ރިޕޯޓުގައި ދެން ފާހަގަ ކޮށްފައި ހުރި މައްސަލަތަކަކީ އެ އޮފީހަށް 71636ރ. ލިބެންޖެހި ނުލިބިވާ އިރުވެސް އެ ފައިސާ ހޯދަން މަސައްކަތް ކޮށްފައި ނުވުމާއި އަދި އެ އޮފީހުގެ ދަތުރު ރިޕޯޓްތައް ރަނގަޅަށް ބަލަހައްޓާފައި ނުވާ މައްސަލަ އެވެ. އަދި އެއްވެސް އެއްބަސްވުމެއް ނެތި 50120ރ. ގެ މަސައްކަތް ބަޔަކު ލައްވާ ކުރުވާފައިވާ މައްސަލަ ވެސް އޮޑިޓާ ޖެނެރަލް ވަނީ ފެންމަތިކުރައްވައިފަ އެވެ.

ނަމަވެސް އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ އޭޖީ އޮފީހުން 2010 ވަނަ އަހަރު ހަރަދުކޮށްފައިވަނީ ވަނީ ބަޖެޓުގައި ކަނޑައެޅިފައިވާ މަގުސަދުތައް ހާސިލްކުރެވޭ ގޮތަށް ކަމަށެވެ.