22 Jul 2012, 12:54
ލ.ގަމު، ތުޑީ ސޮސައިޓީ ފޯ ތުޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން(ސްޓާ)ގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް 27 ޓީމާއެކު ރޭ ފަށައިފި އެވެ.
މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 21 އިން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަތާވީސް ޓީމު އަށް ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއެކު 10000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު، ރަނަރަޕް ޓީމަށް ހުށަހަޅައިފައި ވަނީ 5000 ރުފިޔާއެވެ.
ސްޓާ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއީލް ޒަކީ ސަން އޮންލައިނަށް އިއްޓަވިއު ދެއްވަމުން މިއަދު ވިދާޅުވީ، މިމުބާރާތަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޝާން މަހާ ގުޅިގެން މީގެ ހަތްއަހަރު ކުރިން އެރަށުގެ ޒުވާނުންނަށް ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ. އަދި މިމުބާރާތް ކުރިއަށް ގެންދިއުމުގައި ރަށުގެ ޒުވާނުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ކޮންމެ އަހަރަކު ވެސް އިތުރުވަމުން އަންނަ ކަމަށެވެ.
"މިއީ މީގެ ހަތް އަހަރު ކުރިން ބާއްވަމުން އަންނަ މުބާރާތެއް. އެހެން އަހަރުތަކަށް ވުރެ މިފަހަރުގެ މުބާރާތް ވަރަށް ފޯރިގަދަ. މުބާރާތް ކުރިއަށް ގެންދިއުމަށް ޒުވާނުންގެ ފަރާތުން ލިބޭ އެއްބާރުލުން ސްޓާ ޖަމްއިއްޔާގެ ފަރާތުން އަބަދުވެސް ފަހަގަ ކުރަން. އެހެން އަހަރުތަކަށް ވުރެ މިއަހަރު މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ އަދަދު ގިނަ" ނައިބު ރައީސް ޒަކީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރަނގަޅު ސްޕޮންސާއެއް ލިބޭނަމަ މުބާރާތުގެ ފެންވަރު މިހާރަށްވުރެ އިތުރަށް ފޯރިގަދަ ކުރެވޭނެ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި ކޮންމެ ޓީމަކުން 1000 ރ. ފީއެއް ނަގައިގެން ކަމަށެވެ.