22 Jul 2012, 12:26
އިއްޔެ ހަވީރާއި ރޭ އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި ފުލުހުންގެ އަމުރަށް ނުކިޔަމަން ތެރިކަން ދެއްކެވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ގައްފޫރު ހައްޔަރުކޮށްފި އެވެ.
ފުލުސް ސަބް އިނިސްޕެކްޓަރު ހަސަން ހަނީފު މިއަދު ވިދާޅުވީ ހާމިދު ހައްޔަރުކުރީ ފުލުހުންގެ ބެރިކޭޑް ތަކުން ބޭރުގައި ހުންނެވުމަށް ނަސޭހަތްތެރިވުމުން ވެސް އެކަމަށް އިޖާބަ ނުދެއްވައި ފުލުހުންގެ ސަފު ފޫއަޅުވާލަން އުޅުއްވުމުން ކަމަށާއި ހާމިދާއެކު އިތުރު ހަމީހަކު ވެސް ހައްޔަރު ކުރި ކަމަށެވެ.
"ހާމިދު ހައްޔަރުކުރެއްވިކަން ކަމާބެހޭ ފަރާތްތަކަށް ވާނީ އަންގާފައި. އޭނާ ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ބެރިކޭޑްތައް ފަޅާލުމަށް ފަހު އެތެރެއަށް ވެންނެވުމުން. އޭނާ އަދި ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި،" ހަނީފު ވިދާޅުވި އެވެ.
މީގެ އިތުރަށް މުލަ ރޯދަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާގައި ހައްޔަރުކުރި 36 މީހުންގެ ތެރެއިން 31 މީހަކުވަނީ ޝަރުތުތަކާއެކު ކޯޓުން ދޫކޮށްލާ ފައެވެ.
ހަނީފު ވިދާޅުވީ އެމީހުން ދޫކޮށްލީ މުޒަހާރަތަކުގައި 30 ދުވަސް ވަންދެން ބައިވެރި ނުވެވޭ ގޮތަށެވެ. އަދި ހެދުނު 8 ން ރޭގަނަޑު 8 ކާއި ދެމެދު ބައްވާ އެއްވެސް އެއްވުމެއްގައި ބައިވެރި ނުވެވޭ ގޮތަށް ކަމަށެވެ.
މީގެ އިތުރުން ކުރިގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމުވަނީ ފަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފަ އެވެ. ފުލުހުން އާދިލު ހައްޔަރުކުރީ އެއްވެ އުޅުން މަނާ ސަރަހައްދަކަށް އެއްވެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުން ކަމަށެވެ. އާދިލް ސަލީމު ހައްޔަރުކުރި އިރު ފުލުހުން އަނިޔާ ކުރިކަމަށް ދެކެވޭ ވާހަކަތަށް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.
"ފުލުހުން އެއްވެސް މީހަކަށް ގަސްތުގައި އަނިޔާއެއް ނުކުރާނެ އެއްވެސް މީހަކަށް އަނިޔާކޮށްފިނަމަ އެމައްސަލަ ފުލުހުން ވެސް ބަލާނެ އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވެސް ބަލާނެ،" ހަނީފު ވިދާޅުވި އެވެ.