22 Jul 2012, 12:18
މިއަދު ހަވީރު ފަށާ ވެޓަރަންސް ފުޓްބޯޅަ މުބާރާތް ކުޅެން އާދަމް އަބުދުއްލަތީފް (ލައްޗޭ) ނިއު އަށް އަދި ޝާހު އިސްމާއީލާއި އަބުދުﷲ އާމިރު (އައްލޯ އާމިރު) މާޒިޔާ ޓީމު ލިސްޓުގައި ޖަހައިފި އެވެ.
ވެލެންސިއާއިން ފުޓްބޯޅަ ކެރިއަރު ފަށައި ނިއު އާއި އައިއެފްސީ އަށް ކުޅުނު ލައްޗޭ ފާއިތުވެދިޔަ ހައެއްކަ އަހަރު ހޭދަކުރީ އިންޑިޔާގަ އެވެ. ލައްޗޭ އަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޝާހު ވެޓަރަންސް ކުޅެން މާޒިޔާ ޓީމަށް ދިޔައީ "އެއީ އަދި އަހަރެން ނުކުޅޭ ކުލަބަކަށްވީމަ،" ކަމަށް ބުނެފަ އެވެ. ވެލެންސިއާއިން ކެރިއަރު ފަށައި އޯކިޑާއި ނިއު އަދި ވިކްޓަރީ އަށް ވެސް ކުޅުނު ޝާހު އަކީ ކުރީގެ ގައުމީ ކެޕްޓަން އަދި 1998 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޝާހު މިދިޔަ އަހަރު ވެޓަރަންސް ކުޅުނީ ވީބީ އަށެވެ.
އަށްޑިހައިގެ އަހަރުތަކުގައި ވެލެންސިއާ އަށް ކުޅުނު އަބުދުﷲ އާމިރަކީ ކުރީގެ އެއްވަނަ މިޑްފީލްޑަރެވެ. އޭނާގެ އިތުރުން މާޒިޔާ ޓީމުން ދެން ފެނިގެންދާނެ މަޝްހޫރު އަނެއް ކުޅުންތެރިއަކީ ނިއު އާއި ވެލެންސިއާއަށް ކުޅުނު މިހާރުގެ މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) އެވެ.
ވެޓަރަންސް ފުޓްބޯޅަ މުބާރާތުން މުޅިން އަލަށް ފެންނާނެ ކުޅުންތެރިންގެ ތެރެއިން ތޮއްޑޫ މުހައްމަދު ނިޒާމް ގުޅުނީ އޭނާގެ ކުލަބް ވެލެންސިއާއާ އެވެ. 2003 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ތޮއްޑޫ އަކީ ކުރީގެ ގައުމީ ކެޕްޓަނެވެ.
އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިަން ވެލެންސިއާގައި ތޮއްޑޫއާއެކު ތިބީ އަލީ ރަޝީދު (ސިލާޗީ) އާއި ބިންމާ އަބުދުﷲ ވަހީދާއި ފަންތޮށި މުހައްމަދު ނާޒިމާއި އިސްމާއީލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި އަބުދުﷲ ރަޝީދު (ޗޭނޭ) އާއި އަހުމަދު ނަސީމް (އައްމަޑޭ) އާއި ކީޕަރު އަސްލަމް އަބުދުއްރަހީމާއި އިބްރާހީމް ސަލީމް (މެޓާ) ފަދަ ވެލެންސިއާގެ ކުރީގެ ކުޅުންތެރިންނެވެ. ފާއިތުވެދިޔަ ދެ އަހަރު މުޅިން ވެލެންސިއާ އަށް ކުޅުނު ކުޅުންތެރިންނާއެކު ވެޓަރަންސް އަށް ނުކުތް ނަމަވެސް މިފަހަރު ވަނީ އެއުސޫލު ބަދަލުކޮށްފަ އެވެ. ވެލެންސިއާއަށް ނުކުޅޭ ކުޅުންތެރިންގެ ތެރެއިން ލިސްޓުގައި ހިމެނި އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިއަކީ ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އޭނާ އަކީ ކުރިން ވިކްޓަރީ އަށް ކުޅުނު ކުޅުންތެރިއެކެވެ.
ވެލެންސިއާއާއެކު ޕްރެކްޓިސް ކުރަން ފެށ ނަމަވެސް ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އިސްމާއީލް އަނިލް ފެނިގެންދާނީ އޭނާގެ ކުލަބު ވިކްޓަރީންނެވެ. އެ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރޭގައި ކުރީގެ ގައުމީ ކީޕަރު މުހައްމަދު ރަޝީދު (މަބޫ) އާއި މުހައްމަދު ނަޒީހް އަދި ކޯޗު އަލީ ސުޒޭންގެ އިތުރުން މުހައްމަދު ޝާޒްލީ ފާހަގަ ކުރެވެ އެވެ.
ނިއުގައި ތިބީ ކުރީގެ ކެޕްޓަނުން ކަމަށްވާ މޫސާ މަނިކު (ކުޑަމޫސަ) އާއި މުހައްމަދު ކަލީމް އަދި އިބްރާހީމް ރަޝީދު (އަންދަރޭ) އާއި ޑިފެންޑަރު އަހުމަދު ނިޔާޒް އާއި އަލީ ޝަމީމް އަދި ކުރީގެ ގައުމީ ކީޕަރުއިސްމާއީލް ޒަރިޔަންދު ފަދަ ކުޅުންތެރިންނެވެ.