22 Jul 2012, 11:49
އަންހެން ދަރިފުޅާއެކު ބަދުއަހުލާދީ އަމަލު ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި ލ. މުންޑޫއިން މީހަކު ހައްޔަރުކޮށްފި އެވެ.
އުމުރުން 43 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ފުލުހުންނާއި ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީގެ ޓީމަކުން އެރަށަށް ގޮސް އެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އޭނާ ހައްޔަރު ކުރީ މިމަހުގެ 15 ވަނަ ދުވަހު ކަމަށާއި ހައްޔަރު ކުރުމަށްފަހު ކޯޓުން ދީފައިވާ ބަންދުގެ މުއްދަތުގައި އޭނަގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސްކޫލްގައި ކިޔަވަމުންދާ އަދި 18 އަހަރު ނުވާ އަންހެން ކުއްޖާއައަށް އޭނާގެ ބައްޕަ ޖިންސީ ގޯނާ ކުރަން ފެށި ކަމަށް މޫންޑޫގައި ވާހަކަ ފެތުރިފައި އޮންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ. އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ ގޮތަށް އެ ވާހަކަތައް ފެތުރުނީ އެ އަންހެން ކުއްޖާ އޭނާގެ ރައްޓެހިން ގާތުގައާއި ސްކޫލްގެ ބައެއް ޓީޗަރުންނާ އެވާހަކަ ހިއްސާ ކުރުމުން ކަމަށެވެ. އެފަދަ ވަހަކަތަކަށް ހަވާލާދީ އޭނަ ބުނީ ބައްޕަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަން ފުރަތަމަ ފެށީ 2010 ވަނަ އަހަރު އެވެ.
މުންޑޫގައި އެވާހަކަ ފެތުރުމުން އަންހެން ކުއްޖާގެ ބައްޕަ ވަނީ ކޯޓްގައި އެ ރަށު މީހެއްގެ މައްޗަށް އަބުރު ދައުވާއެއް ވެސް އުފުލާފަ އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ކޯޓްގައި އެ މައްސަލައިގެ ޝަރީއަތްތައް ހިނގަމުންދަނިކޮށެވެ.
ކުޑަކުންދިންނަށް ޖިންސާ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވައިފިނަމަ، އެކުރަނީ ކުށެކެވެ.
އެ ކުށުގެ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް އެ މާއްދާގެ (ށ)ގައި ބުނެ އެވެ.