ޖާޒީ ސްޕޮންސާއިން ޕްރެމިއާ ލީގުގެ ކުލަބުތަކަށް ލިބޭ އާމްދަނީ ކުރިއަށް އޮތް އަހަރު މާބޮޑަށް ވެސް އިތުރުވާނެ ކަމަށް ދައްކައިފި އެވެ.

ކުރިއަށް އޮތް ޖާޒީ ސްޕޮންސާއިން ޕްރެމިއާ ލީގުގެ 20 ކުލަބަށް ލިބޭނެ ކަމަށް ބެލެވެނީ 147 މިލިއަން ޕައުންޑެވެ. މިއީ ހުސްވި ސީޒަނާ އަޅާ ބަލާއިރު 25 ޕަސެންޓް ގިނަ އަދަދެކެވެ. އަދި މެންޗެސްޓާއިން ޓްރޭނިން ކިޓްގެ ސްޕޮންސާގެ ގޮތުގައި ޑީއެޗްއެލްއާއެކު ހުސްވި އަހަރު ހެދި 10 މިލިއަން ޕައުންޑް ހިމަނައިފިނަމަ މިއަދަދު މިއަށްވުރެ ވެސް މަތިވާނެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން ދެކެމުން އަންނަ އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި ޕްރެމިއާ ލީގުގެ ކުލަބުތަކަށް ލިބޭ ފައިދާ އިތުރުވަމުން ދިއުމަކީ ޕްރެމިއާ ލީގް ޕްރޮޑަކްޓެއްގެ ގޮތުގައި މަގްބޫލުވަމުންއަންނަ ކަމުގެ ހެއްކެކެވެ.
ޕްރެމިއާ ލީގުގެ ކުލަބުތަކުގެ ތެރެއިން އެންމެ އަގުބޮޑު ޖާޒީ ސްޕޮންސާ ހިމެނެނީ ހަތަރު ކުލަބެއްގެ އެވެ. އެއީ ސްޓޭންޑާޑް ޗާޓާޑް އިން ސްޕޮންސާކޮށްފައިވާ ލިވަޕޫލާއި އޭއޯއެންގެ ސްޕޮންސާ ގެންގުޅޭ މެންޗެސްޓާ ޔުނައިޓެޑާއި އިއްތިހާދު އެއާވޭސް އިން ސްޕޮންސާކުރާ މެންޗެސްޓާ ސިޓީ އާއި އިންވެސްޓް އިން އެފްރިކާއިން ސްޕޮންސާކުރާ ސަންޑަލޭންޑެވެ.