މޮސްކޯ (ޖުލައި 22) : ސޫރިޔާއާ ދެކޮޅަށް ޙަރަކާތްތެރިވުމުގައި އދ. އާއި ބައިނަލްއަޤްވާމީ ނިޒާމުން ބޭރުނުވުމަށް ރަޝިޔާއިން އެމެރިކާއަށް އިންޒާރުކޮށްފި އެވެ.

ރަޝިޔާގެ ރިޔާސީ ތަރްޖަމާން ޑިމިޓްރީ ބިސްކޯވް ވިދާޅުވީ އދ. ގެ ސަލާމަތީ މަޖިލީހުގެ ނިޒާމުން ބޭރުން ސޫރިޔާއާ ދެކޮޅަށް ޙަރަކާތްތެރިވާނެ ކަމަށްބުނެ އެމެރިކާ ދައްކަމުން ގެންދަނީ ޒިންމާދާރުކަމެއްނެތް ވާހަކަތަކެއް ކަމަށާއި މިކަމުގެ ސަބަބުން އދ. އާއި ބައިނަލްއަޤްވާމީ ނިޒާމު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށް ރައީސް ވްލަޑިމޭރު ޕޫޓިން ދެކެވަޑައިގަންނަވާ ކަމުގައެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑުގެ ތެރޭން އެމެރިކާ ބޭނުންވާގޮތަށް ސޫރިޔާއާ ދެކޮޅަށް ކަންކަން ނުކުރެވުމުން ބައިނަލްއަޤްވާމީ ނިޒާމުން ބޭރުގައި ސޫރިޔާއާ ދެކޮޅަށް އެމެރިކާ ޙަރަކާތްތެރިވުމަކީ މައްސަލަ ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށް ވިދާޅުވެ ރަޝިޔާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި ޕޫޓިންވަނީ ވާހަކަ ދައްކަވާފަ އެވެ. ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ތިން ފަހަރެއްގެ މަތިން އެމެރިކާ އިސްވެ އޮވެގެން ސަލާމަތީ މަޖިލީހަށް ހުށަހެޅި ތިން ޤަރާރުވެސް ރަޝިޔާއާއި ޗައިނާ ވީޓޯކޮށްފައެވެ. މިކަމުގެ ސަބަބުން އެމެރިކާވަނީ ސަލާމަތީ މަޖިލީހުން ބޭރުގައި ސޫރިޔާއާދެކޮޅަށް ޙަރަކާތްތެރިވާންޖެހިދާނެ ކަމަށްބުނެ އިންޒާރު ދީފައެވެ.

ޢިރާޤަށް 2003 ގައި އަރައި އެޤައުމާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ފުރްސަތު ސަލާމަތީ މަޖިލީހުގެ ތެރެއިން ނުލިބުމުން އެމެރިކާވަނީ އެ މަޖިލީހުން ބޭރުގައި ޢިރާޤަށް އަރައި ހަނގުރާމަކޮށް ޢިރާޤުގެ އެތައް ލައްކަ ބަޔަކު މަރައި ޢިރާޤު ސުންނާފަތިކޮށް ޓެރަރިޒަމްގެ ހާއްޔަކަށް ޢިރާޤު ހަދާފައެވެ.

އެމެރިކާގެ މިހަރުކަށިކަމާއި ޗާޓުން ބޭރުވުމުގެ ނަތީޖާއަކީ އިޤްތިސާދީ ގޮތުން އެމެރިކާ އިނދަޖެހި އެމެރިކާއާ ވާދާކުރާ ޗައިނާފަދަ ޤައުމުތަކަށް ކުރިން ނުލިބޭ ބާރުތަކަކާއި ފުރްސަތުތައް ލިބި ބައިނަލްއަޤްވާމީ ނިޒާމުގައި އެމެރިކާގެ ނުފޫޒު ކުޑަވެގެންދިޔުމެވެ. ބައިނަލްއަޤްވާމީ ނިޒާމުން ބޭރުވާނެކަމުގެ އިންޒާރުތައް އެމެރިކާ ދިންނަމަވެސް ޢިރާޤުގެ މައްސަލާގައި ކަންތައްކުރިގޮތަށް ބައިނަލްއަޤްވާމީ ނިޒާމުން ބޭރުން ސޫރިޔާއާދެކޮޅަށް ފިޔަވަޅުއަޅަން މިހާރު އެމެރިކާއަށް ނުކެރޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. -- އަލްޖަޒީރާ