މުލަ ރޯދަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާން ތެރެއަށް ވަދެ އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި، ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރު އާދިލު ސަލީމް ގޭބަންދަށް ބަދަލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ އޭނާ ފަސް ދުވަހަށް ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ކަމަށެވެ. އަދި ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ އެއްވެ އުޅުން މަނާ ސަރަހައްދަކަށް އެއްވެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުން ކަމަށެވެ.

"ކްރިމިނަލް ކޯޓަށް އާދިލް ސަލީމް ގެންދިޔުމުން އެ ކޯޓުން އޭނާ ފަސް ދުވަހަށް ގޭބަންދަށް ބަދަލުކުރީ،" ހަނީފު ވިދާޅުވި އެވެ.

އެ ދުވަހުގެ މުޒާހަރާގައި 32 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ކޯޓުން ވަނީ ދޫކޮށްލާފައެެވެ.

ފުލުހުން ބުނީ އެ މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ޑްރަގަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

ޑްރަގަށް ޕޮޒިޓިވް ވެފައި ވަނީ ގދ. ގައްދޫ ބަންސަރީގޭ އިސްމާއިލް އަބްދުﷲ، 29، އާއި ހ. ފެންތިލަގޭ މުހަންމަދު ސޮބާހު 39، އާއި ހދ. ވައިކަރަދޫ ހުވަނދުމާގޭ ހުސެއިން މުފީދު، 43 އާއި މުޒާހަރާގައި ހައްޔަރު ކުރި ހަމައެކަނި އަންހެން މީހާ، މއ. ޝާހު އައިޝަތު ލައިޝާ އަބްދުﷲ، 24 ކަމަށް ފުލުހުން ބުންޏެވެ.