22 Jul 2012, 00:24
މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ވެރިކަން ބަދަލުކުރަން އަމަލީ ގޮތުން މަސައްކަތް ކުރީ 300 އެއްހާ ފުލުހުންނާ ސިފައިން ކަމަށާއި "ބަޣާވާތް" ދަމަހައްޓަން މަސައްކަތް ކުރަމުން ދަނީ ވެސް ހަމަ އެ 300 އެއްހާ ފުލުހުންނާ ސިފައިންނާ ފުލުހުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ޑެންމާކްގެ ތިން ބޭފުޅަކު އެކުލަވާލި ރިޕޯޓަކާއި ހ. ނަވާގަން އަލީމޫސާ ދީދީ އެކަމާ ބެހޭ ގޮތުން ލިއުއްވި ފޮތެއް ނެރުމަށް މިރޭ މާލޭ ސިޓީ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތަށް ފަހުގައި ބަޣާވާތް ދަމަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ މަސައްކަތްތަކަށް ވެސް އެހީ ތެރިވަމުން ދަނީ ހަމަ އެ 300 އެއްހާ ފުލުހުންނާ ސިފައިން ކަމަށެވެ.
"މުޅި ރާއްޖޭގެ އާއްމު މަސްލަހަތު ގެއްލި ދިއުމުގައި ސީދާ ގޮތެއްގައި ހަރަކާތްތެރި ވެފައި ވަނީ ސިފައިންނާ ފުލުހުންގެ ތެރެއިން 300 އެއްހާ މީހުން، އަދި އެ ހިންގި ބަޣާވާތަށް ފަހު، އެބަޣާވާތް ދެމި ބާއްވަން ކުރަމުންދާ މަސައްކަތްތައް ވެސް ނުހަނު ގިނަ، އެމަސައްކަތްތައް ވެސް ކުރަމުން މިދަނީ ހަމަ މިދެންނެވި 300 ފުލުހުންނާ ސިފައިންގެ ބެލުމުގެ ދަށުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ބަޣާވާތް ބޭއްވުމަށް ޓަކައި އަނިޔާވެރިވަމުންދާ މިންވަރު ދުވަހެއް ދުވަހަކަށް ފެންނަމުންދާ ކަމަށާއި ބަޣާވާތް ބާއްވައިފި ނަމަ ރާއްޖެއަށް ވަމުންދާނެ ގެއްލުންތައް ސާފު ކަމަށެވެ.
އެމަނިކުފާނު އަދި ވިދާޅުވީ އެމްޑީޕީއަކީ ގޮތް ހުސްވެފައިވާ ޕާޓީއެއް ނޫން ކަމަށާއި އެޕާޓީގެ އެންމެ މުހިއްމު އެއް ސިފަޔަކީ ފަހަށް ނުޖެހުން ކަމަށެވެ. އަދި ބަޣާވާތް ނިމުމަކަށް ގެނައުމަށް ބޭނުންވާ އިންތިހާބު ހޯދުމަށްޓަކައި ވަކާލާތު ވެސް ކުރެވިދާނެ ކަމަށާއި މަޝްވަރާ ވެސް ކުރެވިދާނެ ކަމަށާއި އަދި އެކަމަށް އޮތް އެންމެ ރަނގަޅު ވަސީލަތަކީ ސީދާ ހަރަކާތް ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ.
"ބަޣާވާތް ނިމުކަށް ގެނައުމަށް ބޭނުންވާ އިންތިހާބު ހޯދުމަށް، ވަކާލާތު ވެސް ކުރެވިދާނެ، މަޝްވަރާ ވެސް ކުރެވިދާނެ، އަދި ހަމަ އެހެންމެ ޕާޓީ ދެކޭ އެންމެ ފުރިހަމަ ވަސީލަތަކީ ސީދާ ހަރަކާތުގެ ވަސީލަތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން މިހާރު ހިންގަމުންދާ ސީދާ ހަރަކާތަކީ ވަޣާވާތަކަށް ނުވާނެ ގޮތަކަށް މަސައްކަތް ކުރުމަށް މިރޭ ނެރުނު ރިޕޯޓުން އެހީތެރިކަން ލިބޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
" ރެސްޓެޑް ޑިމޮކްރަސީ" ގެ ނަމުގައި ޑެންމާކްގެ އެސޯސިއޭޓް ޕްރޮފެސަރ އެންޑާސް ހެންރިކްސެންއާއި ގާނޫނީ ވަކީލެއް ކަމަށްވާ ކިއެފާ ކްރިސްޓެންސެން އަދި ޖޯނަސް ޕަރެލޯ ޕްލެސްނާ އެކުލަވާލާފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުން ކަމަށާއި ދެއްވި އިސްތިއުފާއަކީ އަމިއްލަފުޅު އިހުތިޔާރުގައި އަދި ގާނޫނާ އެއްގޮތަށް ހިނގި ކަމެއް ނޫން ކަމަށެވެ.
އެ ރިޕޯޓްގައި އަދި ބުނެފައި ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ފާއިތުވި ހަމަސް ދުވަސް ތެރޭގައި އިންސާނިއްޔަތާ ހިލާފު ގިނަ ކަންތައްތަކެއް ހިންގާފައިވާ ކަމަށާއި އެކަންތައްތަކުގެ ޒިންމާ އުފުލަން ޖެހޭނީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.