21 Jul 2012, 23:37
ހަމަޖެހުމަށް ބުރޫއަރާފަނެ ފަދަ އެއްވެސް ކަމެއް ނުހިންގަން އިންޑިއާ ސަރުކާރުން ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ގޮވާލައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ "ޕްރެސް ޓްރަސްޓް އޮފް އިންޑިއާ"އިން މިއަދު ބުނީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާމެދު އިންޑިޔާއިން ކަންބޮޑުވާ ކަމަށާއި އެކަންކަން ހައްލު ކުރަން ވެވެން އޮތް ގޮތަކުން އިންޑިޔާއިން ރާއްޖެއަށް އެހީވާން ތައްޔާރަށް އޮތް ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް އެއް މޭޒެއްގެ ދޮށަށް ގެންދިއުމަށް ދިވެހި ސަރުކާރާއެކު މަސައްކަތް ކުރަން އިންޑިޔާއިން ތައްޔާރަށް އޮތް ކަމަށްވެސް ވަނީ އެ ނޫހުގައި ބުނެފައި ވެއެވެ.
"ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހައަށް ބުރޫއަރާ އެއްވެސް ކަމެއް ޕާޓީތަކުން ނުކުރުމަށް ގޮވާލަން،" ތަރުޖަމާން ވިދާޅުވެފައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައިވަނީ ހަތެއް ފެބުރުއަރީގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު ރާއްޖޭގެ ހާލަތު ވަރަށް ކައިރިން އިންޑިޔާއިން ބަލަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ހާލަތާމެދު އިންޑިޔާއިން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ އީޔޫ އާއި އަދި ކޮމަންވެލްތުން ވެސް އެކަމާމެދު ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށެވެ.