ކާއިނާތުގައި ވޮޑިގެންވަނީ އެއްކައުވަންތަ އިލާހެއްކަމަށް އިސްލާމްދީން ދަޢުވަތުދެއެވެ. އިސްލާމްދީނުގެ ޢަޤީދާއަކީ އެއްކައުވަންތަކަމުގެ ޢަޤީދާއެވެ. އެކަލާނގެ ރަސްކަންފުޅަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އެކަލާނގެ އަޒަލުއްސުރެ ވޮޑިގެންވެއެވެ. އެހެން އެއްވެސް އެއްޗެއް މައުޖޫދުވެގެން ވުމުގެ ކުރީއްސުރެ ވޮޑިގެންވެއެވެ. އެކަލާނގެ އަބަދަށް ދެމިވޮޑިގެންވެއެވެ. އެހެން ކޮންމެ އެއްޗަކީ ނެތިފަނާވެ ހިނގައިދާނެ އެއްޗެކެވެ. އެކަމުގައި އެއްވެސް އިސްތިސްނާއެއް ނުވެއެވެ. އެކަލާނގެ އިރްޝާދު ދެއްވައިފައި ވެއެވެ.

"އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." (އައްޝޫރާ: 11)

އަރަހުށި މާތްﷲ އީ ވަނިވިހައި ތަކެއްޗެއްގެ ޚާލިޤެވެ. ވެރިރަސްކަލާނގެއެވެ. ރިޒުޤުދެއްވާ ރަސްކަލާނގެއެވެ. ދިރުން ދެއްވާ ރަސްކަލާނގެއެވެ. މަރުގަންނަވާ ރަސްކަލާނގެއެވެ. ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ޢިލްމާއި މަޢުރިފާގެ ވެރި ރަސްކަލާނގެއެވެ. އެކަލާނގެ ޒާތުފުޅާއި، އެކަލާނގެ ސިފަފުޅުތަކުގައި ގިނިކަންޏާއެވެ. އެކަލާނގެއީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަރަހުށި މާތްﷲ ވަޙީކުރައްވައިފައި ވެއެވެ.

"އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުވެއެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމަ އެކައްޗެއްވެސް ނުވެއެވެ. (އިޚްލާޞް: 3، 4)

އަޅުގަނޑުމެންގެ ބޯމަތީގައިވާ ކުޑަވެސް އައިބެއް ނެތް، ނޫކުލައިގެ އުޑު އުފުއްލެވީ އެކަލާނގެއެވެ. އެއުޑުގައި އިރާއި ހަނދާއި ތަރިތައް ލެއްވީ އެކަލާނގެއެވެ. އިރުގައި އަލިކަން ލެއްވީ އެކަލާނގެއެވެ. ހަނދުގައި ނޫރު ލެއްވީ އެކަލާނގެއެވެ. އިރާއި ހަނދުގެ މަންޒިލްތައް ކަނޑައެޅުއްވީ އެކަލާނގެއެވެ. ދުވާލު އަލިކުރައްވައި، ރޭގަނޑު އަނދިރިކުރެއްވީ އެކަލާނގެއެވެ. ހިސާބު ބެލުމުގެ ވަސީލަތެއް ކަމުގައި އިރާއި ހަނދު ލެއްވީ އެކަލާނގެއެވެ. އުޑުތަކާއި ބިންތަކުގައިވާ އެންމެހައި ތަކެތި ޚަލްޤުކުރެއްވީ އެކަލާނގެއެވެ. އުޑުތަކާއި ބިންތަކުގައި އެކަލާނގެ ރަސްކަންފުޅު ފިޔަވައި އެހެން އިލާހަކު ވާނަމަ މި ކައުނުގެ ހުރިހާކަމެއް އޮޅުންބޮޅުންވެ ހަލާކުވެ ނެތި ހިނގައްޖައީހެވެ.

އަޅުގަނޑުމެންގެ ދިރިއުޅުން އާރާސްތުކުރެވޭފަދަ ޝަރީޢަތެއް އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވިއެވެ. އެޝަރީޢަތް އަޅުގަނޑުމެންގެ ނަފުސުތައް ޠާހިރުކުރެއެވެ. ހިތްތައް އަލިކޮށް އުޖާލާކުރެއެވެ. އިސްވެދިޔަ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންވެސް ގެނެސްދެއްވީ އެ ޝަރީޢަތުގެ އުނގަންނައިދެއްވުންތަކެވެ.

"ތިޔަބައިމީހުންނަށްޓަކައި އެކަލާނގެ ޝަރުޢު ކުރެއްވި ދީނަކީ، އެކަލާނގެ ނޫޙުގެފާނަށް ވަޞިއްޔަތް ކުރެއްވި ދީނެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީކުރެއްވި ދީނެވެ. އަދި އިބްރާހީމްގެފާނަށާއި މޫސާގެފާނަށާއި، ޢީސާގެފާނަށް ވަޞިއްޔަތްކުރެއްވި ދީނެވެ. (އެ ވަޞިއްޔަތަކީ) ތިޔަބައިމީހުން ދީން ޤާއިމު ކުރާށެވެ. އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! ތިޔަބައިމީހުން އެކަމަކަށް ތިޔަ ގޮވައިލާ ކަންތައް މުޝްރިކުންގެ މައްޗަށް ބޮޑު ކަމަކަށް ވިއެވެ. ﷲ އެކަލާނގެ އިރާދަކުރައްވާ އަޅަކު ޚިޔާރު ކުރައްވަތެވެ. އަދި އެކަލާނގެއަށް ތައުބާވެ ރުޖޫޢަވާ މީހާއަށް ތެދުމަގު ދައްކަވަތެވެ."