އެސްޓީއޯ އިން ސްޕޮންސާކޮށް ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ ރަމަޝާން ކްރިކެޓް ކާނިވަލްގެ ކުޅުން މިއަދު ފެށި އިރު، މިއަދު ކުޅުނު ފުރަތަމަ ދެ މެޗް ހައިވޭގެ ޓީމާއި މިލާން ކްރިކެޓް އެކަޑަމީގެ ޓީމުން ކާމިޔާބުކޮށް، މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި މިއަދު ކުޅުނު ފުރަތަމަ މެޗް މޯލްޑިވްސް ވޮލީއާއި ބައްދަލުކޮށް 16 ލަނޑުން ކާމިޔާބު ކުރީ ހައިވޭގެ ޓީމުންނެވެ. ދެ ވަނަ މެޗް ލެޒާ ކާގޯއާއި ބައްދަލުކޮށް މިލާން ކުރިކެޓް އެކަޑަމީގެ ޓީމުން ކާމިޔާބު ކުރީ 33 ލަނޑުންނެވެ.

މިއަދުގެ ފުރަތަމަ މެޗް ޓޮސް ދިމާވުމުން ހައިވޭ ގަސްދުކުރީ ކުޅުމަށެވެ. އެގޮތުން ހައިވޭ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި 99 ލަނޑު ހެދި އެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 28 ލަނޑު ހެދި އަހްމަދު އަމީލް އެވެ. ޖަވާބުގައި މޯލްޑިވްސް ވޮލީ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި 83 ލަނޑުހެދި އެވެ. އަދި މޯލްޑިވްސް ވޮލީގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑުހެދި އަހްމަދު ހުސޭންއެވެ.

މިއަދުގެ ދެ ވަނަ މެޗް ޓޮސްދިމާވުމުން މިލާން ކުރިކެޓް އެކަޑަމީ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި 95 ލަނޑުހެދި އެވެ. އަދި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 22 ލަނޑުހެދި އަލީ ސުނާން އެވެ. ޖަވާބުގައި ލެޒާ ކާގޯ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހެދުނީ 58 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 12 ލަނޑުހެދި ސުވޭދުއެވެ.

މިމުބާރާތުގައި މާދަމާ ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި ހަވީރު 4:10 ގައި ބައްދަލުކުރާ ދެ ޓީމަކީ އެންކާ ލިލީ އާއި ޕީޗް ބްރީޒް އެވެ. އަދި ދެ ވަނަ މެޗުގައި 5:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ޕެލަސް ސިޗް އޯންއާއި އެމް ޑަބިލޫ އެސްސީގެ ޓީމެވެ.