21 Jul 2012, 22:42
ހުޅުމާލޭގައި މިހާރު ހިއްކާފައިވާ ބިމުން ދިރިއުޅުމަށްޓަކައި އިތުރަށް ގޯތި ދެވޭނެ ޖާގަނެތް ކަމަށާއި ގޯތި ދެވެން އަންނަނީ ހުޅުމާލެ އިތުރަށް ހިއްކައިގެން ކަމަށް ހުޅުމާލެ ޑިވެލޮޕް ކުރާ ކުންފުނި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޝުހެއިލް އަހުމަދު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ މިއަހަރާއި މިދިޔަ އަހަރު އެކަނިވެސް ދިރިއުޅުމަށްޓަކައި ހުޅުމާލެއިން 150 ގޯތި ދޫކުރެވިފައިވާ ކަމަށާއި ހުޅުމާލޭގައި މިހާރު ގޯތި ދޫކުރުމަށް އިތުރަށް ޖާގަނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ދެން އިތުރަށް ގޯތި ދުލެއް ނުކުރެވޭނެ، ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރެވެން ހުރި ގޯތި މިހާރު ދޫކޮށް އެ ނިމުނީ، ގޯތި ދޫކުރަން ޖާގައެއް ނެތް، ދެން ޖެހޭނީ ދެވަނަ ފޭސްގެ ދަށުން ހިއްކަން ޖެހޭ ސަރަހައްދު ހިއްކަން،" ޝުހެއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޯތި ދޭނަ ޖާގަ ހުޅުމާލޭ ބިމުގައި ނެތަސް އިތުރު ބައެއް ހައުސިން ޕްރޮޖެކްޓްތައް ހިންގޭ ވަރަށް ހުޅުމާލޭގައި ޖާގަ އެބަހުރި ކަމަށެވެ. އެކަމަށް ބިންތައް ކަނޑައަޅާފައިވާ ކަމަށްވެސް ޝުހެއިލް ވިދާޅުވި އެވެ.
އެގޮތުން ހުޅުމާލޭގައި މިހާރު ވެސް އަންނަނީ ޗައިނާގެ ސަރުކާރުގެ އެހީގައި އަޅާ 1000 ފުލެޓްގެ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު 1100 ފުލެޓް އެޅުމަށް ތުރުކީ ކުންފުންޏަކާއި އެކު ދާދިފަހުން ވަނީ ސޮއިވެސް ކޮށްފަ އެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ޓާގެޓްކޮށްފައިވަނީ 60،000 މީހުންގެ އާބާދީއަކަށެވެ.
ޝުހެއިލް ވިދާޅުވީ ހުޅުމާލޭގައި 20،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް މިހާރުވެސް މީހުން އުޅޭ ކަމަށާއި އަންނަ އަހަރު ނިމޭއިރަށް އެ އަދަދު 36،000 ގާތްކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ނިންމައިފިނަމަ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައިވާ ސަރަހައްދު ހިއްކާނޭ ކަމަށެވެ. ޝުހެއިލް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ހިއްކަން ޖެހެނީ ހުޅުމާލޭ އިތުރުކޮޅު ކަމަށެވެ.
"ދެން ހަމަ އެ ސަރަހައްދު ހިއްކުން މި އޮތީ، އެ ސަރަހައްދު ބޮޑުވެސް ވާނެ، އަޅުގަނޑުމެން ހަމަ އެކަނި އަދި މިގެންދަނީ ވާހަކަތައް ދައްކަމުން، އަދި ޕްލޭނިން ސްޓޭޖް މިއީ،" ޝުހެއިލް ވިދާޅުވި އެވެ.
ކްލަބް ފަރު ރިސޯޓާ އެކު ހިއްކުމަށް ހަމަޖެހިފައިވާ ހުޅުމާލޭގެ ދުވަނަ ފޭސްގެ މަސައްކަތަށް ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ދުބާއީ ވޯލްޑުން މީގެ ކުރިން ވަނީޯ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެ ޕްރޮޖެކްޓާ މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުން ޝުހެއިލް އެއްޗެއް ވިދާޅެއްނުވެ އެވެ. ވިދާޅުވީ އެ ކުންފުނިންވެސް ދުބާއީ ވޯލްޑާއި އެކު އޭރު މަޝްވަރާ ކުރި ކަމަށެވެ.
ހުޅުމާލޭގެ ބިމުން ގޯތި ދޫކުރުމަށް އޮތް ޖާގަ ހުސްވެފައިވާ އިރު ރައީސް ވަހީދުގެ ސަރުކާރުގައި އެ މަނިކުފާނުގެ ކެބިނެޓުން އޭޕްރީލް ތިން ވަނަ ދުވަހު ނިންމާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަންނީ މަސައްކަތްވީ އެންމެ އަވަހަކަށް ފެށުމަށެވެ.
ހުޅުމާލެ ތަރައްގީ ކުރުމުގެ މަޝްރޫޢަކީ މާލެ އާއި މާލެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް، އާންމުކޮށް ހުރިހާ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށާއި ވެރިރަށް މާލޭގެ ތޮއްޖެހުން ކުޑަކުރަން އޮކްޓޫބަރު 16، 1997 ގައި ރައީސް މައުމޫންގެ ސަރުކާރުން ފެށި މެގަ ޕްރޮޖެކްޓެކެވެ.
ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ އެޗްޑީސީން މިހާރުވެސް އަންނަނީ ހުޅުމާލެ އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ދެ ސުކޫލަކާއި ޕްރީން ސްކޫލެއް އަދި ހޮސްޕިޓަލެއް އެޅުމަށްވެސް އެ ކުންފުނިން މިހާރު ވަނީ ޕްލޭންކޮށްފަ އެވެ.