21 Jul 2012, 19:35
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހަންމަދު، އޭނަގެ އުފަން ރަށް، ނ. ކުޑަފަރީގައި މިސްކިތެއް ބިނާކޮށްދެއްވައި އެ މިސްކިތް ހުޅުވައި ދެއްވައިފި އެވެ.
ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރި ކުންފުނި، ސަން ޓްރެވަލްގެ ޗެއާމަން، އޭނާގެ މަންމާފުޅު ޝަމީމާ އަބްދުﷲ ގެ ހަނދާނުގައި ބިނާ ކުރި މިސްކިތް އިއްޔެ އިރުއޮއްސުނު ވަގުތު ހުޅުވައި ދެއްވައި އިމާމްވެ ވަޑައިގެން މަޣުރިބު ނަމާދު ކޮޑްދެވީ ވެސް ޝިޔާމެވެ.
ޓެކްޓޯން އިން ޑިޒައިންކޮށް ގާތްގަނޑަކަށް 750 އަށް ވުރެ ގިނަ މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރި މިސްކިތުގައި އަންހެނުން ނަމާދު ކުރުމަށް ހާއްސަ ބަޔަކާއި ގުރުއާން ކްލާހަކާއި ހިނަވާގެއެއް ވެސް ހިމަނާފައި ވެއެވެ.
މުޅިން އޮރެންޖް ކުލަ ހިމަނައިގެން ބިނާކޮށްފައިވާ މަސްޖިދު ޝަމީމާ އަބްދުﷲ ގައި އެހެން މިސްކިތްތަކާ ހިލާފަށް "ޝަމީމާ ހިޔާ" ގެ ނަމުގައި ޕާކެއް ހިމަނާފައިވައިރު ސުނާމީ އާއި އުދަ އެރުން ފަދަ ގުދުރަތީ ބޮޑެތި ކަރިސާތަކުގައި ކުޑަފަރީ ރައްޔިތުން ސަލާމާތްވުމަށް ރަށުގެ އާބާދީ އެކުގައި ޖަމާވެ ހިދުމަތް ލިބިގަނެވޭ ގޮތަށް ފަރުމަކޮށްފައިވާ ތަނަވަސް "ސޭފް ޓެރެސް" އެއް ވެސް ހަދާފައިވެ އެވެ. މީގެ އިތުރުން ވެސް ފެންއަރުވާ ވަޑާމަކާއެކު ކުރިބޯށި ހިމެނޭ މުންނާރެއްވެސް ހުންނަ މިސްކިތުގައި އެކި ހާލަތްތައް މެދުވެރިވުމުން މިސްކިތް ބޭނުން ކުރެވޭނެ ގޮތްތައް ވަނީ ހަދާފަ އެވެ.
ޝިޔާމްގެ ސަން ފައުންޑޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ކުޑަފަރީ އަޝްފަރު އަބްދުއް ރަހީމް ވިދާޅުވީ ޝިޔާމްގެ މަންމާފުޅުގެ ހަނދާނުގައި ބިނާކުރި މިސްކިތް ނިންމާލެވުނީ ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ މަސައްކަތުން ކަމަށް ވިޔަސް މިސްކިތް ބިނާ ކުރުމުގައި ބަލާފައި ވަނީ ކުޑަފަރީގެ ރައްޔިތުންނާއި ރަށަށް އަރާ މީހުންނަށް ދަތި ނުވެ ނަމާދު ކުރެވޭނެ މިސްކިތެއް ބިނަ ކުރުމަށް ކަމަށާއި މިސްކިތް އެޅުމަށް ގާތްގަނޑަކަށް ދެ މިލިޔަނަށް ވުރެ ގިނަ ޑޮލަރު ހޭދެވެފައިވާ ކަމަށެވެ.
"ވަރަށް ފުރިހަމަ ރީތި މިސްކިތެއް ކުޑަފަރީއަށް މިވަނީ ޝިޔާމް ހަދިޔަ ކުރައްވާފައި. މި މިސައްކަތް ޝިޔާމް ކޮށްދެއްވާފައި އެވަނީ ވަރަށް ފުރިހަމަ މަސައްކަތެއްގެ ގޮތުގައި. މީގެ އިތުރުން ރަށުގައި ކީރިތި ގުރުއާނަށް ލޯބިޖެއްސުމާއި ރީތިކޮށް ގުރުއާން ކިޔަވާނެ ކުދިން އުފެއްދުމުގެ މާތް މަގުސަދުގައި،" އަޝްރަފު ވިދާޅުވި އެވެ.
މަސްޖިދު ޝަމީމާ އަބްދުﷲ ގައި އިމާމުވެ ނަމާދު ކުރުމަށާއި ކުޑަކުދިންނަށް ގުރުއާން ކިޔަވައި ދީ އުނގައްނައި ދިނުމަށް ޕާކިސްތާނުގެ ހާފިޒް އިމާމަކު އެ މިސްކިތުގައި ގާއިމުވެ ހުންނަވާނެ ކަމަށް ވެސް އަޝްފަރު ވިދާޅުވި އެވެ.
މިސްކިތް ހުޅުވައި ދެއްވުމަށްފަހު މިސްކިތުގެ ތަޅުދަނޑި ރަށު ކައުންސިލާ ހަވާލު ކޮށްދެއްވަމުން ޝިޔާމް ވިދާޅުވީ އޭނާ ހަދިޔާ ކުރި މިސްކިތުގެ ބޭނުން ފުރިހަމައަށް ކުޑަފަރީ ރައްޔިތުން ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށައި ރައްޔިތުން މިސްކިތް ބަލަހައްޓާއިރު މިސްކިތުގެ ހުރިހާ ހަރަދަކާއި މަރާމާތެއް ސަން ފައުންޑޭޝުން ކުރާނެ ކަމަށެވެ.
ޝިޔާމް ބިނާ ކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް އިއްޔެ މާލެ އިންނާއި ނ. އަތޮޅުގެ ރަށްރަށުން ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށް ޝިޔާމަށް މަރުހަބާ ދެންނެވި އެވެ. އަދި ޝިޔާމް ވަނީ މިސްކިތް ހުޅުވުމުގެ ކުރިން މިސްކިތުގެ ތަނަވަސް ޕާކް "ޝަމީމާ ހިޔާ" ގައި ގަހެއް އިންދަވައި ދެއްވާފަ އެވެ.
މިސްކިތް ހުޅުވުމަށް ފަހު ރަށުގެ ރައްޔިތުންނާއި ރަށަށް އެރި ގިނަ އަދަދެއްގެ މެހުމާނުންނަށް ހާސްކޮށްފައިވާ އޮތް ރޯދަ ވީއްލުމެއް ކުޑަފަރީ ބޯޅަ ދަނޑުގައި ބޭއްވި އެވެ. ކުޑަފަރީގެ ވަށް ގިނަ މީހުން ބުނީ ރަށަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާ ރަށުގ ބޭފުޅެއްގެ ފަރާތުން ތަނަވަސް މިސްކިތެއް ރަށުގައި ބިނާކޮށްދެއްވުމުން އެކަމަ ރަށުގެ އެންމެން ވެސް ތިބީ އުފުލަމުން ކަމަށެވެ.
"މިއީ ޝިޔާމު ދެއްވި ވަރަށް ބޮޑު ހަދިޔާއެއް، ވަރަށް ފުރިހަމަ ހަދިޔާއެއް،" ޒުވާނުގެ ތެރެއިން މީހަކު ބުންޏެވެ.