16:07


މިދިޔަ ޖޫން މަހު ތަހުގީގަކަށް ގދ. ގައްދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ހުއްޓައި ގަޔަށް ޕެޓްރޯލް އަޅައި ރޯކޮށްލުމަށްފަހު، މަރުވި މީހާ "ފިހުނު ހާދިސާގެ ޒިންމާ" ފުލުހުން އުފުލަން ޖެހޭނެ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފި އެވެ.


އެ ކޮމިޝަނުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ގައްދޫ، ފުލޫނިއާގެ އިބްރާހީމް އަފުޒަލް އެ ރަށު ޕޮލިސް ސްޓޭޝަނުގައި ހުއްޓައި ޖޫން މަހު 4 ވަނަ ދުވަހު ގައިގައި ރޯކޮށްލައި އަދި ޖެހިގެން އައި ދުވަހު މަރުވި މައްސަލާގައި އެއްވެސް މީހަކާ މެދު ދައުވާކުރަން ފެނޭތޯ ބެލުމަށް ޕުރޮސިކުޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވަން ނިންމާފައިވާ ކަމަށެވެ.


ދައުވާކުރަން ފެންނަ ބައެއްގެ މައުލޫމާތު އެ ކޮމިޝަނަކުން ބުނެފައެއްނު އެވެ. ނަމަވެސް އެ ކޮމިޝަނުން ބުނީ "އަފުޒަލް ބަނަދުކޮށްފައި ހުރި ތަނުގައި ޕެޓްރޯލު ހުރުމަކީ ފުލުހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ" ކަމެއް ކަމަށެވެ. އަދި އެ ކޮމިޝަނުން ބުނީ ގައްދޫ ޕޮލިސް ސްޓޭޝަނުގައި މީހުން ބަންދު ކުރުމަށް ތަނެއް ނެތް ނަމަވެސް މީހުން ބަންދުކޮށްފައި ތިބޭ ތަންތަނުގައި އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަށް ބޭނުންކުރެވޭ ޒާތުގެ އެއްވެސް އެއްޗެއް ހުރެގެން ނުވާނެ ކަމަށާއި މީހަކު ބަންދުގައި ބަހައްޓާ ނަމަ އެ މީހަކު ރަނގަޅަށް ބެލެހެއްޓުމަކީ ފުލުހުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.


ނަމަވެސް ހަ ނުކުތާގެ މައްޗަށް ނެރެފައިވާ އެއް ސަފުހާގެ ބަޔާނުގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފައި ވަނީ އަފުޒަލު ނިޔާވެފައި ވަނީ "ފުލުހުން އޭނާ އަށް އަނިޔާކޮށް، އޭނާގެ ގައިގާ ރޯކޮށްގެން ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ވެސް ގަރީނާއެއް ވެސް ލިބިފައެއް" ނެތް ކަމަށެވެ.


ފުލުހުން އަފުޒަލް ހައްޔަރުކުރީ ގައްދޫގައި ހުކުރުނަމާދުން ފޭބި ބަޔަކަށް ޖެއްސުންކޮށްގެން އެ މައްސަލަ ތަހުގީގު ކުރުމަށެވެ.