21 Jul 2012, 17:49
ވަރަށް ބޮޑަށް ކަނޑުގަދަވެ މާލެ އާއި މި ހިސާބު ކައިރި ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދަ އަރަމުން އެބަދެ އެވެ.
މިއަދު ހެނދުނުން ފެށިގެން ކާނިވާ ސަރަހައްދާއި އައިޖީއެމްއެޗް އަދި ސުނާމީ ބިނާ ސަރަހައްދަށް އަންނަނީ ވަރަށް ބޮޑަށް އުދަ އަރަމުންނެވެ. އުދައެރުމުގެ ސަބަބުން ސުނާމީ ބިނާ ސަރަހައްދުން ބޮޑު ތަކުރުފާނު މަގުގައި ވަނީ ރާޅާއި އެކު ގިނަ އަދަދަކަށް ވެއްޔާއި ގައުވެސް މަގުމައްޗަށް އަރައިފަ އެވެ. ކާނިވާ ސަރަހައްދަށް އުދަ އެރުމުގެ ސަބަބުން މުޅި ކާނިވާ ތެރެ ފެންބޮޑުވެފައިވާއިރު އެ ސަރަހައްދުން ބޮޑު ތަކުރުފާނު މަގުވެސް ވަނީ ފެންހެދިފަ އެވެ. އަދި އައިޗީއެމްއެޗުން ފުރަގަހުން ބޮޑު ތަކުރުފާނު މަގަށްވެސް އަންނަނީ އުދަ އަރަމުންނެވެ. އެ ސަރަހައްދުގެ މަގުވެސް އޮތީ މުޅިންވެސް ފެންހެދިފަ އެވެ.
މާލެ އާއި މި އަތޮޅުގެ ބައެއް ރަށްރަށަށް އަދިވެސް އުދަ އަރަމުން އަންނައިރު ކަނޑުދަތުރުތަކަށްވެސް ވަނީ ބުރޫއަރާފަ އެވެ. އެގޮތުން ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ އެކްސްޕްރެސް ލޯންޗް ދަތުރުގެ ހިދުމަތް ވަނީ މެދުކަޑާލައިފަ އެވެ. އެ ހިދުމަތް ދޭ އެމްޓީސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ލޯންޗް ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލީ ކަނޑުގަދަވެގެން މިއަދު ހެނދުނު 3:00ޖަހާކަން ހާއިރު ކަމަށާއި ހިދުމަތް އަލުން ފަށާނީ މޫސުން ރަނގަޅު ވުމުން ކަމަށެވެ.
"އެއްގޮތަކަށްވެސް ލޯންޗް ނުދުއްވިގެން މެދުކަޑާލީ، ކަނޑު މަޑުވީމައި އަޅުގަނޑުމެން އަނެއްކާވެސް ހިދުމަތް ފަށާނަން،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް ހުޅުމާލެއަށް ދަތުރު ކުރާ ފެރީއާއި އަދި އެއާޕޯޓަށް ދަތުރުކުރާ ފެރީގެ ހިދުމަތް މެދުކަޑާލައިފައެއްނުވެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލެ އާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް އުދައަރަމުން އަންނަނީ މިއީ ހުޅަނގު މޫސުން ކަމަށް ވުމާ އެކު ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައިވެސް މާލެއާ މެދުރާއްޖެ ތެރެއަށް އުދައަރާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ކަނޑުތައް ގަދަވާނެތީ ބަލައިގެން ކަނޑުދަތުރުކުރުމަށްވެސް މެޓުން އިލްތިމާސްކުރި އެވެ.
ހުޅަނގު މޫސުމަކީ މާލެ އާއި ރާއްޖެ އަށް އާންމުކޮށް އުދައަރާ ދުވަސްވަރެކެވެ.