ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން އެތެރެ ކުރި ފިޔާ ބިސް އަދި އަލުވީ ހޯލްސޭލް ކުރުން އެސްޓީއޯއިން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖާ އާދަމް އާޒިމް މިއަދު ވިދާޅުވީ އާންމުފަރާތްތަކަށް އެސްޓީއޯއިން ފިޔާ ބިސް އަދި އަލުވި ހޯލްސޭލް ކުރުން މި ވަގުތު މެދުކަޑާލީ އައު ޝިޕްމަންޓެއް އަންނަންދެން ކަމަށެވެ. އެ ޝިޕްމަންޓް އަންނަ ހަފްތާ ތެރޭ ރާއްޖެ އަންނަނާނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ. ވަގުތީ ގޮތުން އެސްޓީއޯއިން ހޯލް ސޭލް ކުރުން މެދުކަޑާލި ނަމަވެސް އާޒިމް ވިދާޅުވީ އެ ކުންފުނީގެ ޕާޓްނަޝިޕް ފިހާރަތަކުން އެސްޓީއޯޔާއި އެއްއަގެއްގައި އެއްވެސް ދަތިކަމެއް ނެތި އެތަކެތި ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓްނާ ފިހާރަތަށް މެދުވެރިކޮށް މުޅި ރޯދަމަހުވެސް އެއްވެސް ދަތިކަމެއް ނެތި މިތަކެތި ލިބޭނެ، އަދި އަޅުގަނޑުމެންގެ ސްޕަމާކެޓުންވެސް ލިބޭނެ، އަޅުގަނޑުމެން މި ފަހަރު ބޮޑަށް މިބެލީ އަޅުގަނޑުމެންގެ ޕާޓްނާ ފިހާރަތަކަށް މިތަކެތި ފޯރުކޮށްދޭން،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯގެ ޕާޓްނަޝިޕް ފިހާރައިގެ ގޮތުގައި 180 ފިހާރައެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެ ފިހާރަތަށް އެގޭނެހެން އެސްޓީއޯއިން ވަނީ ބޭރުގައި ސްޓިކާވެސް ހަރުކޮށްފަ އެވެ.

އާޒިމް ވިދާޅުވީ މިއަހަރުގެ ރޯދަމަސް ނިމެންދެން އެސްޓީއޯއިން އާންމު ކާބޯތަކެތި ބާޒާރަށް ފޯރުކޮށްދޭނެ ކަމަށާއި އެކަމަށް އެސްޓީއޯއިން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.