ދިވެހިލީގު ކުޅޭ ޓީމުތަކަށް ރޯދަމަހު ދަންގަޑިތަކުގައި ޕްރެކްޓިސް ކުރަން ޖެހޭތީވެ އެކަމާ ކުލަބުތަކުން އެފްއޭއެމަށް ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ފުރަތަމަ ޑިވިޝަނުގެ ކުލަބެއްގެ ތަޖުރިބާކާރު ކޯޗަކު ރޭ ބުނީ "ރޯމަހަށް މި އޮތީ އެންމެ ތިން މެޗު،" ކަމަށާއި މިއަށްވުރެ ލީގު ރޭވުމުގައި ފަރުވާތެރިވާން ޖެހިފައިވާ ކަަމަށެވެ.

"ޕްރެކްޓިސް ކުރަން އެބަޖެހޭ ރޭގަނޑު އެއްގަޑިބައިގަ ވެސް. މިއީ ދެން ބޮޑުވަރު. އަނެއްކާ ބަލާ ރޯދަ މަހު ބަޔަކަށް މިއޮތީ އެންމެ ތިން މެޗު. ޕްރެކްޓިސްކުރާނެ ގޮތެއް ނެތިއްޔާ ރޯދަމަހު ނުކުޅެން ނިންމި ނަމަވެސް މާރަނގަޅުވާނެ. ޔޫރޯ އަށް ވެސް މެދުކަނޑާލީ ވިއްޔާ،" ގައުމީ ޓީމުގައި ވެސް މަސައްކަތްކޮށްފައިވާ ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ދަންގަޑިތަކުގައި ޕްރެކްޓިސް ކުރަން ޖެހިފައިވާއިރު ޓާފް އެއްްދަނޑު އޮތީ ނިވާލާފައި ކަމަށެވެ.

"ކީއްތަވާނީ އެދަނޑުގައި ދެތިން ލައިޓް ޖަހާލި ނަމަވެސް. އެއިރުން ވެސް ޕްރެކްޓިސް ކުރެވޭނެތާ. މިހާރު އެންމެ ދަނޑެއްގައި ހުރިހާ ޓީމެއް ކިޔޫ ހަދައިގެން މިތިބެން ޖެހެނީ. މިހެންވެ އެފްއޭއެމަށް ބަދަލެއް ބޭނުންވެއާ މި ބުނަނީ. އަހަރެން ބުނުނަން އާޒިމް މުޅިން ގޯސް ވާހަކައެއް. އެކަމަކު އޭނާގެ ދަށުން އެތަން ހިންގަން މިހާރު އެތިބަ މީހުން ލައިގެން އެފްއޭއެމް ރަނގަޅެއްނުވާނެ. އެބަޖެހޭ ބަދަލު ގެންނަން،" ކޯޗު ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އެފްއޭއެމްގެ ކޮމެންޓެއް ވަނީ ލިބޭގޮތްނުވެފަ އެވެ.
ދިރާގު ދިވެހި ލީގުގެ ކުޅުން ރޭގަނޑު ކުރިއަށްދާނީ 10ޖަހާއިރު އެވެ.