އެމްޑީޕީން މިމަހުގެ 14 ވަނަ ދުވަހު ކުރި މުޒާހަރާގައި ފުލުހުން ޕެޕަސްޕްރޭ ބޭނުންކުރި ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ލޯފުޅަށް ސީދާ އަމާޒުވާ ގޮތަށް ޕެޕާސްޕްރޭ ޖެހިތަން ފެނިފައިނުވާ ކަމަށް ރައީސް ނަޝީދުގެ ހަށިފާރަވެރިން ބުނެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރައީސް ނަޝީދުގެ ލޯފުޅަށް ގަސްތުގައި ފުލުހުން ޕެޕާސްޕްރޭ ޖެހި ކަމަށް ބުނާ މައްސަލާއާ ގުޅޭ ގޮތުން ކަން ހިނގައިދިޔަގޮތް ބަލައި ތަހުގީގުކުރުމަށް ފަހު އެ ހާދިސާގެ ކަންހިނގައިދިޔަ ގޮތް ބަޔާންކުރުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ޑައިރެކްޓްރޭޓުން ނެރެފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އެވަގުތު ފުލުހުން ޕެޕާސްޕްރޭ ކޮށްފައި ވަނީ ވަކި މީހަކަށް ޓާގެޓް ކުރުމުގެ ބަދަލުގައި މުޅި ކްރައުޑަށް ޓާގެޓްވާ ގޮތަށް ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް ނަޝީދުގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތްކުރާ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގެ ސިފައިންނާ ސުވާލުކުރުމުން އެމީހުން 14 ޖުލައި 2012 ވަނަ ދުވަހުގެ ރޭ އުޅުނީ ރައީސް ނަޝީދުގެ އަރިހުގައި ކަމަށާއި އެރޭ މުޒާހަރާގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ފުލުހުން ޕެޕާ ސްޕުރޭ ބޭނުންކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ ކޮން ފުލުހުންނެއް ކަން ނޭނގޭ ކަމަށެވެ.

އަދި ރައީސް ނަޝީދުގެ ލޮލަށް ސީދާ އަމާޒުވާ ގޮތަށް ޕެޕާ ސްޕުރޭ ޖެހިތަން ނުދެކޭ ކަމަށް އެ ސިފައިން ވެސް ބުނެފައިވެ އެވެ. ފުލުހުންގެ ތަހުގީގީ އެ ރިޕޯޓުގައި ބުނެފައި ވަނީ އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނާ ސުވާލުކުރުމުން އެވަގުތު މުޒާހަރާ ކުރި މީހުންގެ ތެރެއިން ޗާންދަނީމަގުގެ ހުޅަނގު ފަރާތުގައި ތިބި މީހުންތައް ފަހަތަށް ޖެހެމުން ގެންދިޔައިރު އެމަގުގެ އިރުމަތީ ފަރާތުގައި ތިބި މީހުންތައް ފަހަތަށް ނުޖެހި، ފުލުހުންގެ ސަފުތައް ފަޅާލާފައި އިތުރަށް ކުރިއަށް އަންނަން މަސައްކަތް ކުރުމުން، ސައުންޑް ބޭނުން ކޮށްގެން އަޑުހަރުކޮށް، "މުޒާހަރާ ކުރާ މީހުން ފުލުހުން ކޯޑުން ކޮށްފައިވާ ސަރަޙައްދުން ބޭރަށް ދިރާގު ލައިޓް ކައިރިއަށް ދިއުމަށް" ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް އެމީހުން ނުދިއުމާ ގުޅިގެން އެތަނުގެ ހާލަތަށް ބަލައި އެވަގުތު ޕެޕާ ސްޕުރޭ ބޭނުންކުރި ކަމަށާއި ނަމަވެސް ވަކި މީހަކަށް ޓާގެޓްކޮށް ޕެޕާ ސްޕުރޭ ޖަހާފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ރައީސް ނަޝީދުގެ ލޯފުޅަށް އަމާޒުކޮށް ފުލުހުން ޕެޕާސްޕްރޭ ޖެހިކަމަށް އެމްޑީޕީން ބުނާ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ރިޕޯޓުގައި އަދި ބުނެފައި ވަނީ ޖުލައި 14 ވަނަ ދުވަހުގެ ރޭ، ފަރީދީމަގާއި ޗާންދަނީމަގު ގުޅޭ ހިސާބު ދިރާގު ލައިޓްކައިރީ އެމްޑީޕީން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މުޒާހަރާއާ ރައީސް ނަޝީދު ގުޅިވަޑައިގަތީ އެރޭ ގާތްގަނޑަކަށް 22:20 ހާއިރު ކަމަށެވެ. އަދި ރައީސް ނަޝީދު މުޒާހަރާ އާއި ގުޅިވަޑައިގެން މުޒާހަރާ ކުރިއަށް ގެންދަން ފެށުމުން މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑްތައް އެމީހުންގެ ތެރެއަށް ގެންގޮސް އެސަރަޙައްދު ހަލަބޮލި ކުރަން ފެށި ކަމަށެވެ.

އަސި ފުލުހުން ސެކިއުރިޓީ ލައިން ވަރުގަދަ ކުރުމުގެ ގޮތުން، "މުޒާހަރާ ކުރާ މީހުން ފުލުހުން ކޯޑުން ކޮށްފައިވާ ސަރަޙައްދުން ބޭރަށް ދިރާގް ލައިޓް ކައިރިއަށް ދިއުމަށް" ފުލުހުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ޗާންދަނީމަގުން އުތުރުފަރާތުގައި ތިބި މީހުން ފިޔަވައި މުޒާހަރާގެ ދެންތިބި ބައިވެރިން ފަހަތަށް ޖެހިފައިވާ ކަމަށެވެ. ނަމަވެސް ޗާންދަނީމަގުގެ އިރުމަތީ ފަރާތުން "ފުރެޝް އެއަރ" ޝޮޕް ކައިރީގައި ތިބި މީހުންތައް އިތުރަށް ޗާންދަނީމަގުން އުތުރަށް ކުރިއަށް ދިއުމަށްޓަކައި ފުލުހުންގެ ސަފުތައް ފަޅާލަން މަސައްކަތްކޮށް ހަމަނުޖެހުން ހިންގަން ފެށުމުން، އެވަގުތު އެތަނުގެ ޙާލަތަށް ރިޢާޔަތް ކުރުމަށް ފަހު، ޕެޕާސްޕްރޭ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ޕެޕާ ސްޕުރޭ ކުރުމުން ތަނުގެ ހާލަތު ރަނގަޅުވި ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.