ރާއްޖޭގައި މެދު ނުކެނޑި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވެސް ބުރާސްފަތި ދުވަހު ބުނެފި އެވެ.

އީޔޫގެ ހައި ރެޕްރެޒެންޓެޓިވް ކެތަރިން އެސްޓަން ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވާފައިވާ ބަޔާނުގައި ބުނަނީ ސިޔާސީ ވެރިންނާ ދެކޮޅަށް ދައުވާ ކުރުމާއި އަދި ސަލާމަތީ ބާރުތަކުން އަމަލުކުރާ ހަރުކަށި ގޮތުން ރާއްޖެއަށް ހަމަޖެހުން ނާންނާނެ ކަމަށެވެ.

"މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ކަންކަން ގޯސްވެ، އެކަމުގެ ނޭދެވޭ އަސަރު ދިވެހިންގެ ދިރިއުޅުމަށް ކުރާނެ އެވެ،" ކެތަރިން ވިދާޅުވެފައިވެ އެވެ.

އަދި ވިދާޅުވެފައި ވަނީ ސިޔާސީ ހުރިހާ ފަރާތްތަކުން ވެސް ހަމަނުޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިންކުއަރީ ކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ކެތަރިން ވަނީ ގޮވާލައްވައިފަ އެވެ. ސިޔާސީ ލީޑަރުންގެ މައްޗަށް ދައުވާ ކުރުމަކީވެސް ކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ކެތަރިން ވަނީ ބަޔާނުގައި ފާހަގަ ކުރައްވައިފަ އެވެ.

"ހުރިހާ ފަރާތްތަކުން ވެސް ކޮމިޝަންގެ މަސައްކަތައް ޖާގަ ދޭން ޖެހޭނެ،" ކެތަރިން ވިދާޅުވެފައިވެ އެވެ.

ކޮމަންވެލްތުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކުރަމުންދާ މަސައްކަތައް އީޔޫއިން ވަނީ އެ ބަޔާނުގައި ތާއީދުކޮށް މަރުހަބާ ކިޔައިފަ އެވެ.