ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ބާޒާރަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. ތަކެތީގެ އަގުތައް ބޮޑުވެ މީހުންގެ ޑިމާންޑްވެސް އިތުރުވެ އެވެ. ރޯދަ މަހު އެންމެ ކައިރި ކަމަކަށް ވެފައި އޮންނަނީ ތަކެތީގެ އަގުތައް ބޮޑުވުމެވެ. ހާއްސަކޮށް އާންމު ކާބޯތަކެތީގެ އަގުތަކެވެ. ރޯދަ މަހުގައި ޑިމާންޑް އެންމެ ބޮޑުވަނީ ފިޔާ، ބިސް އަލުވި އަދި ދިވެހި އެކި އުފެއްދުންތަކުގެ އެވެ.

ރޯދަމަސް އިއްޔެ ފެށި ރޯދަ މަހުގެ ދަވަނަ ދުވަހަކަށް އިރު އެރިއިރު ދިވެހިންގެ މެދުގައި ރޯދަ މަހު އެންމެ މަގުބޫލު ކަރަލުގެ އަގު އުޅެނީ 15 ރުފިޔާއަށް ކިލޯ އެކެވެ. މިދިޔަ އަހަރު ރޯދަ މަހު ކަރާ ކިލޯއެއް ހުރީ 10ރ. އާއި 12ރ. ދެމެދުގެ އަގުތަކެއްގަ އެވެ. ފަނިގިރާލުމަށް ފައްކާ ފެޝަން ފުރުޓް ކިލޯއެއްގެ އަގު ހުރީ 80ރ. ގަ އެވެ. މިދިޔަ ރޯދަ މަހު ދެ ރުފިޔާ އަށް ހުރި ދޮންކެޔޮ ވަކެއްގެ އަގު ހުރީ ފަސް ރުފިޔާ އަށެވެ. މިދިޔަ އަހަރު 15ރ. އަށް ފަޅޯ ކިލޯއެއް ވިއްކީ އިރު މިއަދު ބާޒާރުގައި ފަޅޯ ކިލޯއެއް ހުރީ 25ރ. އާއި 30ރ. ދޭތެރޭގަ އެވެ. ކޮޕީފަތް 10 ރުފިޔާއަށް ދެ ފަތް ވިއްކާއިރު ލުބޯކިލޯއެއްގެ އަގު ހުރީ 50ރ. އަށެވެ. އަދި 100 ގްރާމުގެ ދިވެހި މިރުހުގެ އަގު ހުރީ 100ގުރާމު 45 ރުފިޔާ އާއި 50 ރުފިޔާއާ ދޭތެރޭ އަގުތަކެއް ގަ އެވެ. ކުރުނބާގެ އަގު ހުރީ 20ރ. އާއި 25 ރުފިޔާއާ ދޭތެރޭ އަގުތަކެއްގަ އެވެ.

ފިޔާ އަލުވި ބިހުގެ އަގުތަކަށް ބަލާ އިރު ބާޒާރުގައި ފިޔާ އަދި އަލުވި ބަސްތާއެއް ލިބެންހުރީ 250ރ. އަށެވެ. އަދި ބިސް ކޭހެއް 380 ރުފިޔާއަށް ލިބެންހުރިއިރު އަލަނާސި ކޭހެއް ލިބެންހުރީ 425ރ. އަށެވެ. ފިހާރަތަކުން ފިޔާ ކިލޯއެއް ލިބެންހުރީ 12ރ. އަށެވެ. އަދި އަލުވި ކިލޯއެއް 15ރ. ވިއްކާއިރު، ކެބެޖު ކިލޯއެއް އުޅެނީ 30 އާއި 40 ރުފިޔާ އަށެވެ. އަދި ކެރެޓް ކިލޯއެއްގެ އަގު އުޅެނީ ކިލޯ އެއް 90 ރުފިޔާ އާއި 75 ރުފިޔާގެ ރޭޓުގަ އެވެ.

މަހުގެ ބާވަތްތަކުގެ އަގަށް ބަލާ އިރު، ކުރިން 10 ރުފިޔާއަށް ދެ މަސް ވިއްކި މުށިމަހުގެ އަގު މިއަދު ހުރީ 10 ރުފިޔާއަށް މަހެއް ގެ ރޭޓްގަ އެވެ. އަދި ކަނޑުމަހުގެ އަގަށް ބަލާއިރު ކަނޑުމަހެއް އުޅެނީ 100 ރުފިޔާއާއި 350 ރުފިޔާގެ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ވަޅޯ މަހުގެ އަގުން ވެސް ގާތްގަނޑަކަށް 10 ރުފިޔާ ވަނީ ބޮޑުވެފަ އެވެ. މާރުކޭޓުން ވާހަކަ ދެއްކި ބައެއް ކެޔޮޅުން ބުނިގޮތުގައި، މަހުގެ އަގު ބޮޑުވަމުން ދަނީ، މަސްވެރިކަން ދަށްވުމުގެ ސަބަބުނާއި އަދި ރޯދަ މަހު އާއްމުން މަސް ގަންނަ އަދަދު ވެސް ގިނަވުމުގެ ސަބަބުން ކަމަށެވެ.