15:00


ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ، ރައީސުލްޖުމްހޫރިއްޔާ އާއި ބައެއް ސިޔާސީ އިސް ލީޑަރުން އަވަހާރަކޮށްލަން އެޅޭ ކަމަށް ބުނާ މައްސަލާގައި ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސްގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ނެރެފައިވާ އަމުރަށް  ކިޔަމަންވެވަޑައިނުގަތުމަށް އިލްތިމާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރު، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ ސިޓީއެއް ފޮނުއްވައިފި އެވެ.


މުސްތޮފާ ފޮނުއްވާފައިވާ ތިން ސޮފްހާގެ އެ ސިޓީގައި ވިދާޅުވެފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގައި ހިމެނޭ އިންޓަލިޖެންސްގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުވުމަށް ނިންމާފައިވަނީ ކަނޑައެޅިގެން މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމަށެވެ. އަދި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ނިންމާ ނިންމުމަކަށް މުޅި ދަޢުލަތުގެ ހިމާޔަތާއި ރައްކާތެރިކަމާ ގުޅޭ ސިއްރު މަޢުލޫމާތު ދެއްވުމަކީ އެއްގޮތަކަށް ވެސް ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށްވެސް އެސިޓީގައިވެ އެވެ.


ހަމަ އެހެންމެ އެފަދަ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނުކަމުގައި ވިއަސް އެމައްސަލައެއް ދިރާސާކޮށް ކަމުގެ ހަޤީގަތް ހޯދާ ދިރާސާކޮށް ބެލުމަށްޓަކައި އެކަންކަން ކުރަން ޖެހޭނީ ސީދާ ޤައުމީ ދިފާޢީ ބާރުގެ ތެރެއިން ޕުރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަމަށާއި އެއަށްފަހު އެކަމާ ގުޅޭގޮތުން މަޖިލީހަށް ނުވަތަ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއަކަށް ރިޕޯޓެއް ހުށަހެޅިދާނެ ކަމަށްވެސް އެސިޓީގައިވެ އެވެ.


ޤައުމީ ސަލާމަތާ ބެހޭ އެފަދަ މައްސަލަތައް އުފަންވެގެން އަންނަ ގޮތްތަކާއި އެތަކެތި ލިބޭ މީހުންނަށް އެތަކެތި އަދި އެމަޢުލޫމާތު ލިބިފައިވާ ގޮތުގެ ފުރިހަމަ ތަހުޤީގެއް ހިންގުމަށް ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އިލްތިމާސްކުރާ ކަމަށްވެސް މުސްތޮފާގެ އެސިޓީގައި ވިދާޅުވެފައިވެ އެވެ.


ރާއްޖެއަށް ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލާމާތެއް ބަޔަކަށް ލިބިގެން ކަމަށް ބުނެ މީޑިޔާއަށް އެކޮމެޓީގެ ބައެއް މެންބަރުން ދީފައިވާ މަޢުލޫމަތަށް ބަލާއިރު، އެކަންތައް ކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައި ކަމަށާއި މިކަމުގެ މަޢުލޫމާތު އެފަރާތްތަކަށް ލިބުނުގޮތުގެ ފުރިހަމަ ތަޙްޤީގެއް ހިންގަވައި ކަމާބެހޭގޮތުން ކުރައްވަންޖެހޭ ދިރާސާތަކާއި ފޮރެންސިކުގެ އެހީގައި ސިފައިންނާއި ފުލުހުންގެ އިތުރުން ބޭރުގެ ކަމާބެހޭ އެކްސްޕާޓުންގެ އެހީގައި އިންޓަލިޖެންސް ބޭނުންކުރައްވައިގެން މިކަމުގެ އަސްލު ހަޤީގަތް ސަރުކާރުން ދެނެގަތުމަކީ ރައްޔިތުންނާއި ޤައުމުގެ ދިފާޢުގައި ރައީސުލްޖުމްޙޫރިއްޔާ ކުރައްވަންޖެހޭނެ ކަމެއްކަމުގައި ވެސް އެސިޓީގައި މުސްތޮފާ ވިދާޅުވެފައިވެ އެވެ.


މުސްތޮފާ ވިދާޅުވީ އުދުވާނެއް ދޭން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އާއްމުކޮށްފައިވާ އެ މައުލޫމާތަކީ އާ ވަހަކައެއް ނޫން ކަމަށާއި އެ މައުލޫމާތު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ބޭފުޅަކަށް އޭނާ ވެވަޑައިގެންނަވާނެ ކަމަށާއި އެ މައުލޫމާތު ލިބުމާއެކު އެމައުލޫމާތު ކަމާ ބެހޭ ފަރާތްތަކާއެކު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު މުސްތޮފާއަށް އެންމެ ފުރަތަމަ ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރ ގާސިމް އިބްރާހިމް ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ. އަދި އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީސް އެލާޓަށް ގެނެސްގެން ބަލަންޖެހޭ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ބަލާނީ ޤައުމީ ދިފާއީ ބާރުތަކުން ކަމަށްވެސް މުސްތޮފާ ވިދާޅުވި އެވެ.


މުސްތޮފާގެ އެ ސިޓީގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ގުއަންޓަނާމޯބޭ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންގޮސްފައިވާ ގޮތާމެދު ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި މިއަދާ ހަމައަށްވެސް އެ މައްސަލާގެ ލިޔުންތައް އެމައްސަލަ އެކޮމިޓީއަށް ހުށަހެޅުއްވި ބޭފުޅަކަށް ލިބުނު ގޮތުގެ ނުބެލި އުޅެނިކޮން އަނެއްކާވެސް ޑީއާރުޕީގެ ދެ މެންބަރަކަށް ލިބިގެން އުޅޭ ކަމަށް ބުނާ އެސިޓީއަކީ  ސިޔާސީ ބޮޑުކުޅިގަނޑެއް ކަމަށްވެސް މުސްތޮފާ ވިދާޅުވެފައިވެ އެވެ.


ރާއްޖޭއަށް އުދުވާނެދޭން ބަޔަކު ރާވަމުންދާ ކަމަށް ބުނެ ޑީއާރުޕީން ފެންމަތިކޮށްފައިވާ މިމައްސަލައިގައި އަވަހާރަކޮށްލާނެ ކަމަށް ބުނެފައިވާ ބޭފުޅުންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އަދި ނިންމާފައިނުވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީންނާއި ޤައުމީ ދިފާއީ ބާރުގެ ފަރާތުން އަންނަނީ ބަލަމުންނެވެ.


މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވެވަޑައިނުގެންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީވެ އެކަންތައް އޮންނާނީ އެގޮތަށް ކަމަށެވެ.