21 Jul 2012, 12:55
އެސްޓީއޯ ރެކްރިއޭޝަން ކުލަބު ބަލިކޮށް، ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތަށި ދިވެހި ސިފައިންގެ ކުލަބުން މިލްކުކޮށްފި އެވެ.
ވޭތުވެދިޔަ ދެ އަހަރު ވެސް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެޕްމިއަނުންގެ މަޤާމުގައި އޮތް ދިވެހި ސިފައިންގެ ކުލަބު، މިމުބާރާތުގެ ތަށި މިލްކޮށްފައި ވަނީ ފައިނަލް މެޗުގައި މިދިޔަ ބުދަ ދުވަހުގެ ރޭ އެސްޓީއޯ ރެކްރިއޭޝަން ކުލަބު 3-2 ސެޓުން ބަލިކުރުމަށްފަހު އެވެ.
އެސްޓީއޯއާ އެކު ދިވެހި ސިފައިންގެ ކުލަބުން ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް 15-25ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ އެސްޓީއޯ އިންނެވެ. އެހެންނަމަވެސް، ކުރިއަށްއޮތް ސެޓްތަކުގައި ދިވެހި ސިފައިންގެ ކުލަބުން ކުޅުން ރަނގަޅުކޮށް، ޖެހިގެންއައި ދެ ސެޓު އެޓީމުން ވަނީ ހޯދާފަ އެވެ. ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ސެޓު 25-22 އިން އަދި ތިންވަނަ ސެޓް 25-23 އިން ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރި އެވެ. ހަތަރުވަނަ ސެޓުގައި އެސްޓީއޯއިން ލީޑް ހިފަހައްޓަމުންއައިސް، 20-25 ޕޮއިންޓުން އެސްޓީއޯ ސެޓް ކާމިޔާބުކުރުމުން 2-2 ސެޓުގެ އެއްވަރު ނަތީޖާއަކަށް ދިޔަ އެވެ. ފަހު ސެޓްގައި ދެ ޓީމުންވެސް ހަމަހަމަ ކުޅުމެއް ދައްކަމުންދިޔަ އިރު، މެޗު ނިމެންދިޔައިރު ވެސް އެސްޓީއޯ އިން އެއް ޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުންދިޔަ އެވެ. އެހެންނަމަވެސް މެޗުގެ އެންމެފަހު ދެ ޕޮއިންޓް ހޯދައި، 16-14 ޕޮއިންޓްގެ ތަފާތުން މުބާރާތް ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބުންނެވެ.
ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ދިވެހި ސިފައިންގެ ކުލަބުގެ އުންމީދީ ކުޅުންތެރިޔާ އަޙުމަދު ޢަބްދުލްކަރީމް ހޮވުނުއިރު، އޭނާވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ދިފާޢުކޮށްފަ އެވެ.
އަދި ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ)، މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމު ހާސިލްކޮށްފައިވެ އެވެ. މުބާރާތުގެ އެންމެމޮޅު ސާވަރުގެ މަޤާމަށް ޕޮލިސް ކުލަބުގެ ޙުސައިން ޙަމީދު ހޮވުނުއިރު، އެންމެ މޮޅޫ ސެޓަރަކަށް ހޮވިފައި ވަނީ އެސްޓީއޯގެ އިޝާން މުޙައްމަދެވެ. އެސްޓީއޯއަށް ގިނަ މަޤާމުތަކެއް ލިބިގެންދިޔަ މިމުބާރާތުގައި އެންމެ މޮޅު ސްޕައިކަރަކަށް އެޓީމުގެ އިސްމާޢިލް ސާޖިދު ހޮވުނުއިރު، އެންމެ މޮޅު ބްލޮކަރގެ މަޤާމު ގެންގޮސްފައިވަނީވެސް އެސްޓީއޯގެ ޢަލީ އާމިރެވެ.
އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ ސްޕޯޓްސް ކުލަބު ގުޑީސްގެ އިސްމާޢިލް ރަޝީދެވެ. އަދި ފެއާޕްލޭ ކުޅުންތެރިޔާއަކީ އެސްޓީއޯގެ އަޝްފާޤް އާދަމެވެ.
ނަވާރަ އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމު، ގުޑީސްގެ ޙުސައިން ހިޝާމް ގެންދިޔައިރު، 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ އެސްޓީއޯގެ ޢަލީ ހުޝާމްއެވެ. ފެއަރޕްލޭ ޓީމަކަށް ވެސް ހޮވުނީ އެސްޓީއޯ ރެކްރިއޭޝަން ކުލަބެވެ.