ޤާހިރާ (ޖުލައި 21): މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގައި ކުއްލި ގޮތަކަށް އަވަހާރަވި މިސްރުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޖެނެރަލް ޢުމަރު ސުލައިމާން ޤާހިރާގައި މިއަދު ފަސްދާނުލެވޭނެ ކަމަށް އޭނާގެ ޢާއިލާއިން ބުނެފި އެވެ.

އެމެރިކާގެ އޮހާޔޯގެ ކްލިވްލޭންޑްގެ ހޮސްޕިޓަލެއްގައި އަވަހާރަވި ޢުމަރު ސުލައިމާންގެ ހަށިކޮޅު އިއްޔެގެ ވަގުތެއްގައި ޤާހިރާއަށް ގެނެވިފައިވާ ކަމަށާއި މިއަދު ހަވީރު އޭނާގެ ޖަނާޒާ ބޭއްވޭނެކަމަށް ޢާއިލާގެ ފަރާތުން ވަހަކަ ދެއްކިމީހަކު ހާމަކުރިއެވެ. ޖެނެރަލް ސުލައިމާނަކީ މުސްކުޅިކުރައްވާފައިވާ ސިފައިންގެ ޖެނެރަލެއް ކަމަށްވާތީ އޭނާގެ ޖަނާޒާ ބޭއްވޭނީ ޢަސްކަރީ ޝަރަފުގައި ކަމަށް ޚަބަރު ލިބެ އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމުގައި އެޤައުމުގެ ޖާސޫސީ އިދާރާގެ ވެރިކަން ދިގުމުއްދަތަކަށްކުރެއްވި ޢުމަރު ސުލައިމާން، އުމުރުން 76 އަހަރުގައި ކުއްލި ގޮތަކަށް އަވަހާރަވީ އެމެރިކާގެ ކްލިވްލޭންޑްގެ ހޮސްޕިޓަލް މެޑިކަލް ޗެކްއަޕެއް ހައްދަވަމުން ގެންދަވަނިކޮށް ކުއްލިއަކަށް ކުރިމަތިވި ހާޓް އެޓޭކަކުން ކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.

އިސްރާއީލާއި އެމެރިކާއާ ގާތްގުޅުންތަކެއް ބޭއްވެވުމުގެ ސަބަބުން އެދެޤައުމުގެ އިތުބާރު ލިބފައިވާ ޢުމަރުސުލައިމާނަކީ މުބާރަކްގެ ވެރިކަމުގެ ސިއްރުތައް އެންމެބޮޑަށް ދެނެވަޑައިގަންނަވާ އަދި މުބާރަކާއެންމެ އަރިސް ޝަޚްސިއްޔަތެވެ. މިގޮތުން ޢުމަރު ސުލައިމާނަކީ މުބާރަކްގެ ދިގުލީ ވެރިކަމުގެ ސިއްރުތައް އެންމެބޮޑަށް އެނގޭ "ކަޅުފޮށި"ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު މުބާރަކްގެ ވެރިކަމާދެކޮޅަށް މިސްރުގެ ރައްޔިތުން އުތުރިއަރަން ފެށުމާގުޅިގެން މުބާރަކް އިސްތިއުފާދެއްވުމުން މިސްރުގެ ނައިބު ރައީސް ކަމަށް ޢުމަރުސުލައިމާން ޢައްޔަން ކުރެއްވީ ރައްޔިތުން ކޮންޓްރޯލްކުރުމުގެ ޤާބިލްކަން އޭނާ އަށް ލިބިގެންވާނެ ކަމަށް މުބާރަކް ދެކެވަޑައިގެން ކަމަށްވެ އެވެ. ނަމަވެސް މުބާރަކެކޭ އެއްގޮތަށް ރައްޔިތުންގެ ރުޅި ޢުމަރުސުލައިމާންގެ މައްޗަށް ވެސް އަމާޒުވުމާގުޅިގެން ނައިބު ރައީސް ކަންކުރެއްވުމުގެ ފުރްސަތު ސުލައިމާނަށް ލިބިވަޑައިގެންފައެއްނުވެ އެވެ.

އެއަށް ފަހު ސުލައިމާން މަސައްކަތްކުރެއްވީ މިސްރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން ސަލާމަތުގެ އައްސޭރިއަކަށް ވަޑައިގެންނެވޭތޯ އެވެ. ނަމަވެސް ޤާނޫނުގައިވާ ގޮތުގެ މަތިން މިސްރުގެ ގަވަނޭޓްތަކުގެ ތެރެއިން 15 ގަވަނޭޓްގެ ރައްޔިތުންގެ ތާއީދު ހޯއްދެވުމުގައި ސުލައިމާން ނާކާމިޔާބުވެވަޑައިގަތުމުން ރިޔާސީ ކެންޑިޑެންސީން ވެސް ޢުމަރު ސުލައިމާން މަހްރޫމްވެ ވަޑައިގަތެވެ. އެއަށް ފަހު އުމަރުސުލައިމާނުގެ ތަރިއޮއްސި އޭނާގެ ސިއްޙީޙާލުކޮޅު ދަށަށްދާންފެށި އެވެ. މުބާރަކްގެ ވެރިކަން ވެއްޓުނު ދުވަސްވަރު އުމަރު ސުލައިމާން އަވަހާރަކޮށްލުމަށް ވެސް ބަޔަކު މަސައްކަތް ކޮށްފައިވެ އެވެ. މިޙާދިސާގައި އޭނާގެ ކާރުޑްރައިވަރާއި ދެ ހަށިފާރަވެރިން މަރުވެފައިވެ އެވެ.

އުމަރު މަޙްމޫދު ސުލައިމާނަކީ 1936 ވަނަ އަހަރު މިިސްރުގެ ޤިނާ ގަވަރނޭޓުގެ އާދައިގެ ޢާއިލާއަކަށް އުފަންވި ބޭފުޅެކެވެ. އޭނާ މިސްރުގެ ސިފައިންގެ ތެރެއަށް ވެންނެވީ 1954 ގައެވެ. މަތީތައްލީމް ޙާސިލް ކުރައްވާފައި ވަނީ ޢަސްކަރީ ރޮނގުންނާއި ޕޮލިޓިކަލް ސައެންސްގެ ރޮނގުންނެވެ. (ނޫސްއެޖެންސީތައް)