ރޯދަމަސް ފެށިގެން 24 ގަޑިއިރު ތެރޭގައި ވައްކަމާ ގުޅޭ 12 މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އިއްޔެ އިން ފެށިގެން ރޭގެ ނިޔަލަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ވައްކަމުގެ އަދަދު 12 އަށް އަރާ ކަމަށާއި ނަމަވެސް އެއީ މާބޮޑެތި ވައްކަން ތަކެއް ނޫން ކަމަށެވެ. ފުލުހުންގެ މީޑިޔާ ކޯޑިނޭޓާ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަމަހުގެ 24 ގަޑީރާއި މި އަހަރާއި އަޅާބަލާއިރު ވައްކަމުގެ ރިކޯޑް އިތުރުވެފައި ނުވާ ކަމަށެވެ.

"މިދިޔަ އަހަރާއި އަޅާބަލާ އިރު އިތުރެކޭ ނުބުނެވޭނެ. ހަމަ އެވަރުގައި މިދިޔަ އަހަރުވެސް ހުރީ،" ހަނީފު ވިދާޅުވި އެވެ.

ކޮންމެ ރޯދަމަހަކާއި ދިމާކޮށް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެ އެވެ. ރޯދަމަހާއި ދިމާކޮށް ފުލުހުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން މާލޭގެ މަގުތައް ބަލަހައްޓަމުންނެވެ. ރޯދަ މަހު އާންމުކޮށް ވައްކަމާއި ފޭރުން އިތުރުވަނީ ފަތިހު ވަގުތާއި އަދި ހެނދުނުގެ ވަގުތުތަކުގައި ކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ފުލުހުން މިއަހަރު ވެސް އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން މަގުތައް ޕެޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.