21 Jul 2012, 12:15
21 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތާއި ދެވަނަ ޤައުމީ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ދިވެހި ސިފައިންގެ ކުލަބު ހޯދި ކާމިޔާބީތައް ފާހަގަ ކޮށްފި އެވެ.
ކަޅުތުއްކަލާކޮށީގައި އިއްޔެ ރޭ އެ ކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމް އެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށި އެ ރަސްމިއްޔާތުގެ ފުރަތަމަ ނަންބަރަކީ ވޮލީބޯޅަ މުބާރާތުގެ ތަށި ބެރުދުންމާރި ތާޅަފިއްޔާ އެކު ރަސްމިއްޔާތަށް ގެނެސް ޗީފް އޮފް ޑިފެންސް ފޯސްއާ ހަވާލުކުރުމެވެ. ޗީފް އޮފް ޑިފެންސް ފޯސްއާ ތަށި ހަވާލުކޮށްދެއްވީ ޑީއެސްސީގެ ވޮލީ ޓީމް ކެޕްޓަން، ސްޓާފް ސާޖަންޓް އަޙްމަދު ޢަބްދުލްކަރީމެވެ.
އެއަށް ފަހު ކުލަބުގެ ރައީސް ވާހަކަފުޅު ދެއްކެވި އެވެ. ދިވެހި ސިފައިން ކުލަބުގެ ރައީސް ލެފްޓިނަންޓް ކާނަލް އަޙުމަދު ފަޔާޒްގެ ވާހަކަފުޅަށް ފަހު އިންޓާ ޔުނިޓް 12 ވަނަ ފުޓްބޯޅަ މުބާރާތުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދެއްވި އެވެ. އެފަރާތްތަކާ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކުލަބުގެ ނައިބު ރައީސް ލެފްޓިނަންޓް ކާނަލް އިބްރާހީމް ރަޝީދު އެވެ. މީގެ އިތުރުން ދެވަނަ ޤައުމީ ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގައި ދިވެހި ސިފައިންގެ ކުލަބު ތަމްސީލުކޮށް ހޯދާފައިވާ ކާމިޔާބީ ވެސް ފާހަގަކޮށް ހަނދާނީ ލިޔުން ދީފައިވެ އެވެ. އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ބޮޑީބިލްޑިންގ ފެޑެރޭޝަންގެ ރައީސް މުޙައްމަދު މާހިދު ޝަރީފްއެވެ. އެއަށް ފަހު އެސޯސިއޭޝަންކަޕް ވޮލީބޯޅަ މުބާރާތުގެ ތަށި ޖެހިޖެހިގެން ތިންފަހަރު ދިވެހި ސިފައިންގެ ކުލަބު ހޯދާފައިވާތީ އެކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެ އެވެ. އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރިޔާޒް އެވެ.
އެކި ކުޅިވަރުތަކުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ފަހު ދިވެހި ސިފައިން ކުލަބުގެ ފަރާތުން އެމްއެންޑީއެފްގެ މަރުކަޒުތަކަށް ކުޅިވަރު ސާމާނު ހަދިޔާކުރި އެވެ.
މީގެއިތުރުން މިރަސްމިއްޔާތުގައި އެފްއޭއެމްއިން އިންތިޒާމްކުރާ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ދިވެހި ސިފައިން ކުލަބުގެ ވެޓެރަންސް ފުޓްބޯޅަ ޓީމް އިފްތިތާޙް ކުރުން އޮތެވެ. މި ޓީމް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ޓީމްގެ ކުޅުންތެރިންނާއި ޖާޒީ ހަވާލު ކުރުމާއި ޓީމްގެ ކެޕްޓަނަށް، ކެޕްޓަން ބޭންޑް ހާވާލުކޮށްދެވުން އޮތެވެ. މިގޮތުން ވެޓެރަންސް ޓީމްގެ ކެޕްޓަން ސާޖަންޓް މޭޖަ ޙަސަން ފަޔާޒްއާ ކެޕްޓަން ބޭންޑް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމްއެވެ.