21 Jul 2012, 12:10
މާލޭ ސަރަހައްދުގެ ކުނި ނައްތާލުމަށް އިންޑިޔާގެ ޓަޓުވާ ކުންފުންޏާއި ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އިންޑިޔާގެ ޓަޓުވާ ކުންފުންޏަށް މާލެ ސަރަހަދުން ކުނި ނައްތާލަން ދިފައިވާ މުއްދަތު ފާއިތުވެގެން ދިޔަ އިރު އެ މަސައްކަތް ފެށިފައި ނުވާތީ އެގްރިމެންޓާ މެދު ސުވާލު އުފެދޭ ކަމަށާއި އެގްރިމްނެޓްގައި ސޮއިކުރައްވަން ޖެހޭ ބައެއް ފަރާތްތަކުން ސޮއިކޮށްފައިނުވާ މައްސަލަތަކެއް ވެސް ފެންމަތިވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި މަޑުކުރަނީ މީގެ ކުރިން ކޮށްފައިވާ އެގްރިމެންޓް ގާނޫނީ ގޮތުން [ރަނގަޅު އެއްޗެއްތޯ ]ބެލުމަށް. އެގްރިމެންޓުގައި ވެސް ލޫޕްހޯލްތައް ފެނިފައި އެބަހުރި. އެ އެގްރިމެންޓުގައި ސޮއިކުރަން ޖެހޭ އެއްބައި މީހުން ސޮއިނުކޮށް އޮތީ. އެހެންކަމުން އެގްރިމެންޓަކީ ސައްހަ އެގްރިމެންޓެއްތޯ ބެލުމަކީ ވެސް އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް،" ޝަކީލާ ވިދާޅުވި އެވެ.
މާލެ އާއި މާލެ ސަރަހައްދުގެ ކުނިނައްތާލުމުގެ މަޝްރޫއު ޓަޓުވާ އާއި ސިޓީ ކައުންސިލާ ދެމެދު 20 އަހަރު ދުވަހުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތޭރަގަ އެވެ. ގާތްގަޑަކަށް 50 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރުމަށް އެއްބަސްވެފައިވީ ނަމަވެސް އަދި ވަނީ ފެށޭގޮތް ނުވެފަ އެވެ. މިނިސްޓްރީން ބުނެފައި ވަނީ ޓަޓުވާ އަށް ދިމާވެފައިވާ މާލީ މައްސަލަތަކެއް ހައްލުނުނުކުރެވުމުގެ ސަބަބުން އެމީހުންނަށް މަސައްކަތް ނުފެށި މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓަޓުވާ އިން ޕްރޮޖެކްޓް ނުފަށާއި ލަސްކުރުމުން މާލޭ ސަރަހައްދުގެ ކުނި ނައްތާނުލައި މަޑުކުރެވެން ނޯންނާނެ ކަމަށާއި އެކަން ވީހާ ވެސް އަވަހަކަށް ފެށޭތޯ ބައްލަވާނެ ކަމަށެވެ. އަދި ވިދާޅުވީ މާލޭގެ ސަރަހައްދުގެ ކުނި ނައްތާލުމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް މިނިސްޓްރީއާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ސަރުކާރުގެ ބަޖެޓުން އެންމެ ލާރިއެއް ވެސް ހަރަދު ނުކޮށް އެކަން ކުރެވޭނެ މަގު ފެނިފައިވާ ކަމަށެވެ.
"މިހަފުތާ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ތިން ހަތަރު ފަރާތަކާ ވާހަކަ ދެކެވި މީގެތެރެއިން ވަރަށް ރަނގަޅަށް މިކަންތައް މެނޭޖުކޮށް ސަރުކާރުން އެއްމެ ލާރިއެއް ވެސް ނުލައި މިކަން ކުރެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި. ނަމަވެސް މަޑުމިކުރަނީ ގާނޫނީ ގޮތުން އެގްރިމެންޓް ވާނެ ގޮތް ބެލުމަށް."
އޭނާ ވިދާޅުވީ މާލޭ ސަރަހައްދުގެ ކުނީގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު އަލުން ފައްޓަވާ ނަމަ ބިޑަށް ހުޅުވާނެ ކަމަށާއި ބިޑުގައި ޓަޓުވާ އަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.