21 Jul 2012, 11:50
މަގާމުގެ ގާނޫނީ ވާޖިބު އަދާނުކުރާ ކަމަށް ބުނެ ގއ. ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އައްބާސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކޮށްފި އެވެ.
ކޮނޑޭ ކައުންސިލް މެންބަރަކު މިއަދު ވިދާޅުވީ އައްބާސް މަގާމުގެ ގާނޫނީ ވާޖިބު އަދާނުކުރައްވާތީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ފެބްރުއަރީ 24 ވަނަ ދުވަހު ކަމަށާއި ނަމަވެސް މިހާ ގިނަ ދުވަސް ފަހުން އޭނާ މަގާމުން ދުރުކުރެވުނީ އެ މައްސަލަ އޭނާ އެޖެންޑާ ނުކުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ތަކުރާކޮށް އެދުމުން ވެސް އޭނާ އެ މައްސަލަ އެޖެންޑާ ނުކުރުމުން އެންމެ ފަހުން އަތޮޅު ކައުންސިލަށް ޝަކުވާ ހުށަހަޅައިގެން އެ ކައުންސިލުން އަންގައިގެން މިދިޔަ ބުދަ ދުވަހަށް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޝެޑިއުލް ކުރި ކަމަށެވެ.
އޭނާ ވިދާޅުވީ ބުދަ ދުވަހު ބޭއްވި ޖާލްސާ އަށް އޭނާ ހާޒިރުވެފައި ނުވާ ކަމަށާއި އެ ދުވަހު އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރީ ނާއިބް ރައީސާއި އަނެއް ތިން މެންބަރުން ވޯޓު ދެއްވައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނީ ގޮތުން ރައީސްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް އައްބާސް އަދާނުކުރައްވާ އިރު އޭނާގެ ބައްޕަ ކައުންސިލަށް ދައުވާ ލިބޭ ގޮތަށް އެ ރަށު ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި ކައުންސިލާ ދެކޮޅަށް ބައްޕަގެ ފަރާތުންް އައްބާސް ވަކާލާތު ވެސް ކޮށްފައިވާ ކަމަށެވެ.
ކޮނޑޭ މެޖިސްޓްރޭޓް ކޯޓުން ބުނީ އައްބާސްގެ މައްޗަށް ޚިޔާނާތުގެ މައްސަލައެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓުގައި ދައުވާ ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ކޯޓަށް ހާޒިރުވާން އޭނާ އަށް ތިން ފަހަރު ފޮނުވި ޗިޓަަށް އަމަލު ނުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ކުށުގައި އޭނާ ޖަލަށް ލުމަށް ވެސް އެ ރަށު ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް ފަހުން ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އޭނާއަށް މައާފްކޮށްފަ އެވެ.