21 Jul 2012, 10:57
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތަކަކާއި ގިނަ އަދަދެއްގެ ފައިސާތަކަކާ އެކު މީހަކު ރޭ، ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އުމުރުން 31 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ މަގުމަތީން ހިނގާފައި ދަނިކޮށް ބަލައި ފާސްކޮށް އޭނާ އަތުން މަސްތުވާތަކެތި ފެނިގެންނެވެ.
ފުލުހުން ބުނީ އެ މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބުލެޓް ސައިޒުގެ ހަތް ޕެކެޓާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން މަސްތުވާތަކެތި ބަންދުކުރާ މެޝިނެއް ވެސް ވަނީ ފެނިފައިވާ ކަމަށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕްރޭޝަނެއްގައި އަތުލައިގެންފައިވާ އެ މީހަކީ މަސްތުވާތަކެތި ގަނެ އެއިން ވިޔަފާރިކޮށް އެ ބޭނުން ކުރަމުންދާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބުލެޓް ސައިޒުގެ ހަތް ޕެކެޓް ފެނިފައި ވަނީ އޭނާ ބަލައި ފާސްކުރި ވަގުތު އޭނާގެ އަތުން ކަމަށާއި އޭނާ ހިފަހައްޓަން އުޅުމުން އޭނާގެ އަތުގައި ހުރި މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓްތައް އުކާލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ބަންދުކުރާ މެޝިން ފެނިފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ "ތްރީޑީ" ގެސްޓްހައުސްގެ ކޮޓަރި ބަލައި ފާސް ކުރި އިރު އޭނާގެ ދަބަސްތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.