ރ. ހުޅުދުއްފާރު ފަޅުތެރޭގައި އަޅާފައި އޮތް ޑިންގީއެއްގެ އައުޓްބޯޑް އިންޖީނު ވަގަށް ނެގުމުގެ ކުށުގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުދުއްފާރު ފަޅުތެރޭގައި އަޅާފައި އޮތްް ޑިންގީއެއްގައި އަޅާފައިވާ 25 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައި ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެ އެ ދެ ކުދިން ތިން އަހަރާއި ފަސް މަހާއި 10 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

ފުލުހުން ބުނީ އެ ދެ ކުދިންނަކީ އުމުރުން 18 އަހަރު ނުފުރޭ ދެ ކުދިންނަށް ވެފައި އެ ދެ ކުދީންނަކީ ސްކޫލުގައި ތައުލީމް ހާސިލްކުރަމުން އަންނަ ދެ ކުދިންކަމަށް ވާތީ، ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމުގެ ފަލްސަފާގެ ދަށުން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މެދުގައި ވާހަކަ ދެކެވި އެ ދެކުދީންގެ ޖަލު ހުކުމްގެ މުއްދަތު ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޖަލު ހުކުމް ގޭބަންދަށް ބަދަލުކުރުމުން އެ މުއްދަތުގައި އެ ކުދިން ބެލެހެއްޓުމަށް ވެފައިވާ އިގުރާރަށް ބެލެނިވެރިޔާ އިހުތިރާމްކުރުމަށް ހުކުމްގައި ކަނޑައަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުނަށް ހުށަހެޅުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު ކަމަށެވެ. އަދި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.