24 Aug 2010, 09:56
15:00
އަލަށް ހެދި ގައުމީ ދާރުލްއާސާރަށް ގައުމީ ކުތުބުހާނާ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، ގައުމީ ކުތުބުހާނާ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
ގައުމީ ކުތުބުހާނާގެ ޑިރެކްޓަރ އިބްރާހިމް ޝިޔާމް މިއަދު ވިދާޅުވީ، ބިއްލޫރިޖެހިގޭގައި ހިންގަމުން އައި ގައުމީ ކުތުބުހާނާ އެހެން ތަނަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާ، އެތަން 14 ދުވަހުގެ ތެރޭގައި ހުސްކުރުމަށް އަންގަވާފައިވާ ކަމަށެވެ. އެހެން ތަނަކަށް ކުތުބުހާނާ ބަދަލުކުރަނީ، ބިއްލޫރިޖެހިގޭ އިމާރާތް އެހެން ބޭނުމަކަށް ސަރުކާރުން ނަގާތީ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި ކުތުބުހާނާ ބަދަލުކުރަނީ ޗައިނާ ސަރުކާރުގެ އެހީގައި ގާއިމްކޮށްފައިވާ ގައުމީ ދާރުސް އާސާރުގެ އޭ ބްލޮކް ބިލްޑިންގެ ފުރަތަމަ ފަންގިފިލާއަށް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
އަދި މިހާރު ކުތުބުހާނާގައި ހުރި ބައި ލައްކައެއްހާ ފޮތާއި ބާރަ ހާހެއްހާ ނޫސް މަޖައްލާގެ އިތުރުން އެހުރިހާ ތަކެއްތި ލާފައި ހުރި ޝެލްފްތަކާއި ޔުނިޓުތައް މިމަހުގެ ނިޔަލަށް ބަދަލުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ޝިޔާމު ވިދާޅުވި އެވެ. އެހެން ނަމަވެސް، އަލުން ފޮތްތައް ރެކުތަކަށް ލާ އެތުރުމަށާއި އެހެނިހެން މަސައްކަތްތަކަށް ދުވަސްކޮޅެއް ނަގާނެތީ، އަލުން ކުތުބުހާނާ ހުޅުވޭނެ ތާރީޚެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ގައުމީ ކުތުބާހާނާގައި ހިންގަމުން އައި ބްރިޓިޝް ކައިންސިލްގެ އޮފީހާއި އެމެރިކާ އެމްބަސީގެ ފަރާތުން ހިންގާ އެމެރިކަން ކޯނަރ ވެސް ގައުމީ ދާރުސް އާސާރަށް ބަދަލުކޮށް، ކުރިއެކޭ އެއްގޮތަށް އެތަނުގެ ޚިދުމަތްތައް ދެމުން ގެންދާނެ ކަމަށެވެ. އަދި ޗައިނީސް ކޯނަރެއް ވެސް ހުޅުވަން ގަސްތުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.