ކޮލޮރާޑޯ (ޖުލައި 21): އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކޮލޮރާޑޯގެ ރަށެއްގައި ހަތިޔާރުއަޅައިގެން ހުރި މީހަކު ހިންގި ޤަތްލުޢާންމެއްގައި 12 މީހަކު މަރުވުމުން ކުއްލި ހިތާމައެއް ކުރިމަތިވެވަޑައިގެންފި ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އޮބާމާ ވިދާޅުވީ އެމެރިކާގައި މިފަދަ ޙާދިސާތައް ހިނގަމުންދާތީ ހިތާމަކުރައްވާ ކަމަށާ މިޖަރީމާގެ ސަބަބުން ރައްޔިތުންނަށް ލިބުނު ކުއްލި ޝޮކް ފިލުވާލުމަށް މަސައްކަތް ކުރައްވާނެ ކަމުގަ އެވެ. ބާރަ މީހަކު މަރާލި ޤަތްލުއާންމު ހިންގީ ކޮލޮރާޑޯގެ ޑެންވަރުގެ ކައިރީގައިވާ އަރޯރާ ނަމަކަށް ކިޔާރަށުގައި އިއްޔެގެ ވަތުތެއްގަ އެވެ. މިޤަތްލުއާންމު ހިންގީ ހަތިޔާރުއަޅައިގެން ހުރި ދޮންނަސްލުގެ 24 އަހަރުގެ ޒުވާނަކު އަރޯރާާގެ ސިނަމާއަކަށް ވަދެ އެވަގުތު އެސިނަމާގައި ފިލްމުބަލަންތިބި އެންމެންގެ ގަޔަށް ގޮތެއްފޮތެއް ނެތި ބަޑިޖަހައިގެންނެވެ.

މިޒުވާނާހުރީ ބަޑިއަކާއި ފިސްތޯލައެއް ހިފައިގެން މޫނުނިވައިކޮށްގެންނެވެ. ސިނަމާގެ ހޯލްގެ ތެރެއަށްވަދެ މީހުންގެ ގަޔަށް ބަޑިޖަހަންފެށުމުން ސިނަމާގައި ފިލްމަށް ގެއްލިފައިތިިބި މީހުން ހީކުރީ އޭނާ ޖަހަމުންގެންދިޔަ ބަޑީގެ އަޑަކީ ފިލްމުން އެވަގުތު ސަރައުންޑްކޮށް އިވެމުންދިޔަ ބަޑީގެ އަޑުކަމުގައެވެ. ފިލްމުން ވެސް އެވަގުތު ދައްކަމުން ގެންދިޔައީ ބަޑިޖަހާ މަންޒަރެއް ކަމަށްވެ އެވެ. ޖޭމްސް ހޮލްމްޒް ނަމަކަށްކިޔާ މިޒުވާނާ އަތުލައިގަނެވުނު އިރު ސިނަމާހޯލްތެރެވަނީ ލޭގެ ކޯރަކަށްވެފަ އެވެ. މިޤަތްލުޢާންމުގައި 12 މީހަކު މަރުވުމުގެ އިތުރުން 50 މީހަކު ޒަޚަމްވި އެވެ. ޒަޚަމްވި ބައެއްމީހުންގެ ޙާލަތު ވަރަށް ދެރަކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާގައި މީހުންގެ ގަޔަށް ބަޑިޖަހައި މެރުމުގެ މިބާވަތުގެ ޙާދިސާތައް ހިނގުމަކީ ޢާންމުކަމެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެމެރިކާގެ ޓެކްސަސްގެ އޮސްޓިން ޔުނިވަރސިޓީ އަށް ހަތިޔާރުއަޅައިގެން ހުރި ޒުވާނަކު ވަދެ އެ ޔުނިވަސިޓީގެ ކިޔަވާކުދިންނާއި މުވައްޒަފުންނާއި ޕްރޮފެސަރުންގެ ގަޔަށް ވެސް ބަޑިޖަހާފައިވެ އެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު އެެމެރިކާގެ އަލަބާމާ ޔުނިވަސިޓީގައި ވެސް ބައިލޮޖީ ކިޔަވައިދޭ އަންހެން ޕްރޮފެސަރަކު ބަޑިޖަހައި އޭނާގެ ތިންދަރިވަރަކު މަރާލާފައިވެ އެވެ.

އެމެރިކާގައި ހިންގި މިބާވަތުގެ ޖަރީމާތަކުގެ ތެރޭން މިފަހަކަށް އައިސް އެންމެ މަޝްހޫރު ޖަރީމާއަކީ 2007 ވަނަ އަަހަރު ވަރޖީނިޔާ ޔުނިވަސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ޔުނިވަސިޓީގެ ދަރިވަރަކު ހިންގި ޤަތްލުއާންމެވެ. އޮޓަމެޓިކް ހަތިޔާރު ބޭނުންކޮށްގެން ހިންގި އެޤަތްލުއާންމުގައި 32 މީހަކު މަރުވެ 28 މީހަކު ޒަޚަމްވެފައިވެ އެވެ. (ނޫސްއެޖެންސީތައް)