21 Jul 2012, 02:51
މިއަދު ހަވީރު އިރުއޮއްސުމާއި ދިމާކޮށް އެމްޑީޕީން ޖުމްހޫރީ މައިދާނަށް އެއްވެ ކުރި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި ހަތަރު މީހަކު ޑްރަގަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:30 އެހާކަން ހާއިރު ޖުމްހޫރީ މައިދާނަށް އެއްވެ މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއިން ފުލުހުން ހައްޔަރު ކުރީ 32 މީހަކު ކަމަށެވެ. އެމީހުންހުން ދޫނިދުއަށް ގެންގޮސް މަސްތުވާތަކެއްޗަށް ޓެސްޓް ކުރީއިރު އޭގެތެރެއިން ޑްރަގަށް ޕޮޒިޓިވް ވެފައިވަނީ ގދ. ގައްދޫ ބަންސަރީގޭ އިސްމާއިލް އަބްދުﷲ، 29، އާއި ހ. ފެންތިލަގޭ މުހަންމަދު ސޮބާހު 39، އާއި ހދ. ވައިކަރަދޫ ހުވަނދުމާގޭ ހުސެއިން މުފީދު، 43 ކަމަށް ފުުލުހުން ބުންޏެވެ. އަދި މުޒާހަރާގައި ހައްޔަރު ކުރި ހަމައެކަނި އަންހެން މީހާ، މއ. ޝާހު އައިޝަތު ލައިޝާ އަބްދުﷲ، 24 ވެސް ޑްރަގަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މަދު ބަޔަކާއި އެކު އެމްޑީޕީން ޖުމްހޫރީ މައިދާނަށް އެއްވެ ކުރި މުޒާހަރާގައި ހައްޔަރު ކުރި އެންމެންވެސް ތިބީ މި ވަގުތު ދޫނިދޫގަ އެވެ. އެ މުޒާހަރާގައި ރައީސް މުުހަންމަދު ނަޝީދުގެ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު އާދިލް ސަލީމްވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މިއަދު މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ ޖުމްހޫރީ މައިދާނަށް މީހުން އެއްވިތާ ކުޑައިރުކޮޅެއްވެސް ނުވަނީހެވެ. ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި މީހުން ހައްޔަރު ކުރުމުގެ ތެރޭގައި ގަދަ ހެދުމުގެ ސަބަބުން ބައެއް އާންމުންނަށްވެސް އެކިވަރުގެ ހާނިކަވި އެވެ.
އެމްޑީޕީގެ ސީދާ ހަރަކާތް ފެއްޓިފަހުން އެ ޕާޓީން ކޮންމެ ރެއަކުވެސް ގެންދަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި މުޒާހަރާާ ކުރަމުންނެވެ.