20 Jul 2012, 23:03
ކޫއްޑޫއިން އުފައްދާ މަހުގެ ބާވަތްތަށް ވިއްކުމަށް ކޫއްޑޫ އޮޕަރޭޓް ކުރާ، ކޫއްޑޫ ފިސަރީޒް މޯލްޑިވްސް ލިމިޓެޑުން އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.
މާފަންނު ހިލާލީމަގުގައި ހުންނަ ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް(އެފްއޭއެމް) އިމާރާތުގެ ތިރީގައި ހުޅުވި އެފިހާރައިން މަސްވިއްކަން ފަށާފައިވަނީ މިއަދު މެންދުރު އެވެ.
ކޫއްޑޫ ފިސަރީޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ މުހައްމަދު މުއްތަލިބު ވިދާޅުވީ ކޫއްޑޫއިން އުފައްދާ ހުރިހާ މަހުގެ ބާވަތްތަށް ވިއްކަން ހުންނާނެ ކަމަށެވެ. އެފިހާރައިން ރޯމަހާއި ފަސޭހައިން ތައްޔާރުކުރެވޭގޮތަށް އުފައްދާފައިހުރި މަހުގެ ބާވަތްތަކާއި ހުރިހާ ވައްތަރެއްގެ ދަޅުމަހުގެ އިތުރުން މަހުން އުފައްދާ އެހެން ބާވަތްތައްވެސް ލިބެންއެބަހުއްޓެވެ.
މުއްތޮލިބު ވިދާޅުވީ އެފިހާރައިން ރޯދަމަހު ތަކެތި ވިއްކާނީ ހާއްސަ ހެޔޮ އަގުތަކެއްގައި ކަމަށެވެ. އަދި ރޯދަމަސް ނިމުމުންވެސް ފިރާހަ ހިންގުމަށް ވިސްނާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާއްސަކޮށް ތާޒާ ރޯމަހުގެ އަގުމިތަނުން ވަރަށް ބޮޑުތަން ހެޔޮ ވާނެ، އެގޮތުން ރޯމަސް ކިލޯއެއްގެ އަގު 55ރ އަށްވުރެ ބޮޑުވިޔަ ނުދީ ހިފަހެއްޓޭތޯ މިބަލަނީ" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ އެފިހާރަ ކޮންމެ ދުވަހަކު ހެނދުނު 8:00 ން 12:00 އަށް އަދި މެންދުރު 2:00 ކުން ހަވީރު 5:00 އަދި ރޭގަނޑު 8:00 ން 12:00 އަށް ހުޅުވާފަ ހުންނާނެ ކަމަށެވެ.
ކޫއްޑޫގެ އާ ފިހާރައިން 180 ގުރާމުގެ ތެޔޮ މަސްދަޅު ކޭހެއް ލިބެނީ 820ރ. އަށެވެ. އަދި 400 ގުރާމުގެ ތެޔޮ މަސްދަޅު ކޭހެއް ލިބެނީ 789ރ އަށެވެ. އަދި 400 ގުރާމުގެ ފެންމަސް ދަޅު ކޭހެއް 754ރ އަށް ލިބެން ހުރިއިރު 180 ގުރާމުގެ ފެން މަސްދަޅު ކޭހެއް ލިބެނީ 785ރ. އަށެވެ.
އެފްއޭއެމްގެ ތިރީގައި ކޫއްޑޫއިން މަސް ފިހާރައެއްހުޅުވާފައިވާއިރު އެކުންފުނިން ދަނީ ޑިސްޓިބިއުޓަރުނާއި ހަވާލުކޮށްގެން މާލޭގެ ހަތަރު ސަރަހައްދަކުން މަސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އަދި ކޫއްޑޫގެ މަސް އެސްޓީއޯގެ ފިހާރަތަކުން ލިބޭނެ އިންތިޒާމްވެސް ކޫއްޑޫއިން ވަނީ ހަމަޖައްސާފަ އެވެ. މިއީ ކޫއްޑޫއުން މަސް ވިއްކަން މާލޭގައި ހުޅުވީ ދެވަނަ ފިހާރަ އެވެ.