Last Updated:
1 decade 3 year ago

އެމްޑީޕީން ޖުމްހޫރީ މައިދާނަށް އެއްވެ މުޒާހަރާކޮށްފި

    ބުލޮގު ޚުލާސާ
    *** އެމްޑީޕީން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ މިއަދު ހަވީރުވެސް ފަށައިގެން ކުރިއަށް އެބަގެންދެ އެވެ. އަވަސް އިންތިހާބަކަށް އަޑުއުފުލަމުން އެމްޑީޕީ މީހުން މުޒާހަރާ ކުރަމުން އަންނަނީ ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ތިބި ސަންގެ ނޫސްވެރިން ބުނީ އެމްޑީޕީން މުޒާހަރާ ކުރަމުން ދަނީ ޖުމްހޫރީ މައިދާން މެދަށް އެއްވެ ތިބެ އެވެ.
    22:19

    ސީދާ ހަރަކާތުގެ ސިލްސިލާ މުޒާހަރާތަކުގެ ދަށުން މިއަދު ހަވީރު އެމްޑީޕީން ޖުމްހޫރީ މައިދާނަށް އެއްވެ، މުޒާހަރާކޮށްފި އެވެ.

    އާދައިގެ މަތިން ކޮންމެ ހުކުރު ދުވަހަކު ވެސް މާލޭގައި އުޅޭ ބިދޭސީން ޖަމާވާ ޖުމްހޫރީ މައިދާނުގައި އެމްޑީޕީގެ މުޒާހަރާ ފެށީ މިއަދު ހަވީރު 5:30ގަ އެވެ. މުޒާހަރާ ޖުމްހޫރީ މައިދާނުގައި ފެށިތާ މާގިނައިރުތަކެއް ނުވެ، ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުންކޮށް، އެ ސަރަހައްދުން މީހުން ދުރަށް ލުމަށް މަސައްކަތް ފަށާފަ އެވެ. އެއްވި މީހުން އެ ސަރަހައްދުން ދުރަށް ލުމަށް ރަޔަޓް ފުލުހުންނާއި ސިފައިން މަސައްކަތް ކުރުމުގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތަށް ލިބުނެވެ.

    ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިސްތިއުފާ ދެއްވުމަށާއި އަވަސް އިންތިހާބަކަށް ގޮވާލި މުޒާހަރާގައި ފުލުހުން ވަނީ 32 މީހުން މިއަދު ހައްޔަރުކޮށްފަ އެވެ. އެ މީހުން ހައްޔަރު ކުރީ ޖުމްހޫރީ މައިދާން ދޫކޮށް ދިއުމަށް ފުލުހުން ތަކުރާރުކޮށް އެދުމުން ވެސް އެކަމާ ދެކޮޅު ހެދުމުންނެވެ.

    ހައްޔަރުކުރި މީހުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ޖުމްހޫރީ މައިދާނުގައި ހުންނަވައިގެން ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވަނިކޮށް، އާދިލް ހައްޔަރު ކުރަން އުޅުޅުނު ފުލުހުން ވަނީ އޭނާއާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފަ އެވެ. ރައްދުގައި އާދިލް ސަލީމް ވެސް ވަނީ ފުލުހުންނާ ހަޑިހުތުރު ބަހުން މުހާތަބު ކުރައްވާފަ އެވެ.

    އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވީ އާންމުންނާ މުއާމަލާތް ކުރުމުގައި ފުލުހަކު އެފަދަ ބަސްތަކެއް ބޭނުން ކުރާނަމަ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެކަމެއް ތަހުގީގު ކުރާނެ ކަމަށެވެ. އަދި ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ އެ ފުލުހަކާ ދޭތެރޭގައި ފިޔަވަޅު ވެސް އަޅާނެ ކަމަށް ވިދާޅުވި އެވެ.

    މިއަދުގެ މުޒާހަރާގައި ހައްޔަރު ކުރި 32 މީހުންގެ ތެރޭގައި ހިމެނެނޭ ހަމައެކަނި އަންހެން މީހާ ހައްޔަރު ކުރީ ފިރިހެން ފުލުހުންތަކެކެވެ. ނަމަވެސް ކުށެއްގެ ތުހުމަތުގައި އަންހެނަކު ހައްޔަރު ކުރާއިރު، އަދި މުޒާހަރާއެއްގެ ތެރެއިން އަންހެނަކު ހައްޔަރު ކުރާއި އެ އަންހެނަކު ހައްޔަރު ކުރަނީ އަންހެން ފުލުހުންނެވެ. މީގެ ކުރިން ފުލުހުން އަމަލު ކުރަމުން ވެސް ދަނީ އެގޮތަށެވެ.

    މިއަދުގެ މުޒާހަރާގައި އަންހެނަކު ހައްޔަރުކޮށް އަތުގައި ލޮކް އެޅުވުމުގައި ފިރިހެން ފުލުހުން ބައިވެރިވެފައިވާ މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެނަކު ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުންތަކެއް ހަރަކާތްތެރިވީ "ހާލަތައް ބަލާފައި" ކަމަށެވެ. އަދި އެވަގުތު އެ ސަރަހައްދުގައި އަންހެން ފުލުހުންތަކެއް ހަރަކާތްތެރިވަމުން ނުދާނީ ފިރިހެން ފުލުހުން ނުކުމެ، އޭނާ ހައްޔަރު ކުރީ ކަމަށެވެ.

    ފުލުހުންތަކެއް އެ އަންހެން ކުއްޖާ ހައްޔަރު ކުރަން އުޅުމުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ދިއުމަށް ގަދަދައްކާފަ އެވެ. އަދި ފުލުހުން އޭނާގެ ގައިގައި ހިފަހައްޓައި ފުރަގަހަށް އަތް ގެންގޮސް ލޮކް އަޅުވަން އުޅުމުން އެ އަންހެން މީހާ ވަނީ ފުލުހެއްގެ މޫނު މަތީގައި ޖެހިތަން ސަންގެ ނޫސްވެރިންނަށް ފެނުނެވެ.

    ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނަށް އެމްޑީޕީން މިއަދު އެއްވުމާއެކު، އެ ސަރަހައްދުގެ މަގުތަކުގެ ޓްރެފިކް ކާރުބާރުބޮޑުވެގެންދިޔަ އެވެ. އެމްޑީޕީގެ ސަޕޯޓަރުން ޖުމްހޫރީ މައިދާނުން ދުރަށް ޖައްސާލިއިރު ރޯދަވީއްލަން 15 ވަރަކަށް މިނިޓް ހުއްޓެވެ.

    18:10ޖުމްހޫރީ މައިދާނުން

    ފުލުހުން ޖުމްހޫރީ މައިދާނުގައި ތިބި މީހުން އެތަނުން ފަހަތަށް ޖައްސަމުން ގޮސްނެރެފި. މުޒާހަރާ ކުރާ މީހުން މިހާރު ތިބީ ރީފްސައިޑާއި ދިމާލުގަޔާއި އަދި ބޮޑުތަކުރުފާނު މަގުން ޝަހީދު ހުސެން އާދަމް ބިލްޑިންގާއި ދިމާލުގައި. ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައި.
    18:02ޖުމްހޫރީ މައިދާނުން

    މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި. ފުލުހުން އަންނަނީ މުޒާހަރާ ކުރާ މީހުން ފަހަތަށް ޖައްސަމުން. ފުލުހުން ވަނީ މުޒާހަރާ ުކުރަމުން އަންނަ މީހުން ޖުމްހޫރީ މައިދާން ވިނަގަޑާއި ހިސާބަށް ފަހަތައް ޖައްސާފައި.
    17:59ޖުމްހޫރީ މައިދާނުން:

    ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓާ އާދިލް ސަލީމް ފުލުހުން ހައްޔަރުކޮށްފި.
    17:55

    ޖުމްހޫރީ މައިދާނުގައި ތިބި މީހުންގެ ތެރޭގައި އިސްކޮށް ހުންނެވީ އާދިލް ސަލީމް. ފުލުހުން އަންނަނީ ސަފަކަށް އެތުރިލައިގެން ތިބެ ޖުމްހޫރީ މައިދާން މެދުގައި ތިބި މީހުން އެމްއެމްއޭއާ ދިމާލަށް ފަހަތަށް ޖައްސަމުން. ތިން މީހަކު ވަނީ ފުލުހުން ހައްޔަރުވެސް ކޮށްފައި.
    17:51

    އެމްޑީޕީން ކުރަމުން އަންނަ މުޒާހަރާގައި އެމްޑީޕީގެ ސަޕޯޓަރުން ޖުމްހޫރީ މައިދާނަށް ވަދެ މެދުގައި ތިބެ ދަނީ ޝުއޫރުފާޅުކުރަމުން. ޖުމްހޫރީ މައިދާން މެދުގައިވާ ހެލިޕެޑްގައި ތިބެ އެމީހުން ޝުއޫރުފާޅުކުރަމުން ގެންދާއިރު މީހުން ވަނީ ކުޅިބަލަން ޖަމާވެފައި.