20 Jul 2012, 17:02
ރޯދަމަހުގެ ދިވެހިންގެ ސުފުރާމަތި ފަޅުފިލުވައިދޭ ކަރާ ކިލޯއެއްގެ އަގު ރޯދަ މަސް ފެށުނު އިރު ބާޒާރުގައި ހުރީ 15ރ. އަށެވެ. ނަމަވެސް މިދިޔަ އަހަރު ރޯދަ މަސް ފެށުނު އިރު ކަރާ ކިލޯއެއްގެ އަގު އެވްރެޖްކޮށް ބާޒާރުގައި ހުރީ 10ރ. އަށެވެ. މިއީ ފަސް ރުފިޔާ ބޮޑު އަދަދެކެވެ.
ދިވެހި އުފެއްދުންތަކުގެ މައި މަރުކަޒު، ދަތުރުވެރިންގެ މާރުކޭޓުގައި އެހެން ރޯދަ މަސްތަކާ އެއްވަރަށް މި އަހަރު ކަރާ ލިބޭކަށް ނެތެވެ.
ކޮންމެ މަހަކު ވެސް ގިނަ އަދަދަކަށް ކަރާ ގެންނަ އއ. ތޮއްޑޫ ވިޔަފާރިވެރިއަކު ބުނީ ކަރާގެ އަގު މި ވަގުތު 15ރ. އަށް ހުރީ މިއަދަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށްވެފައި ބާޒާރުގައި ކަރާ މަދުވުމުން ކަމަށެވެ. އަދި ބުނީ ކުރިއަށް އޮތް ހަފްތާތަކުގައި ކަރާގެ އަގު ރަނގަޅުވާނެ ކަމަށެވެ.
"މިއަދަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވުމާ އެކީ އަދި ބާޒާރުގައި ކަރާމަދީ، އަދި ބާޒާރުގައި ކަރާ ގިނަވެ އަގުހެޔޮވާނެ" ތޮއްޑޫގެ ދަނޑުވެރިޔާ ބުންޏެވެ.
ތޮއްޑޫގެ އިތުރުން ތ. ކަނޑޫދޫ ދަނޑުވެރިއަކު ވެސް ބުނީ ބާޒާރުގައި އަދި ކަރާ ގިނަވެ އަގު ރަނގަޅުވާނެ ކަމަށާއި އެ ރަށުގައި ވެސް ރޯދަމަހާ ދިމާކޮށް ވަރަށް ގިނައިން ކަރާ ހައްދާފައިވާ ކަމަށެވެ. އެ ދަނޑުވެރިޔާ ވެސް ބުނީ ބާޒާރުގައި އަދި ކަރާގެ އަގު ބޮޑުވެގެން އުޅެނީ ބާޒާރަށް ކަރާ ނުގެނެވެތީ ކަމަށެވެ.
"ދަތުރުފަތުރާ އެއްޗިހި ހުންނަ ގޮތުން ކަރާ އަދި ނުގެނެވެނީ،" އޭޭނާ ބުންޏެވެ. "ކުރިއަށް އޮތް ތަނުގައި އަގު އަދި ވެއްޓޭނެ،"
ތޮއްޑޫގައި އަންނަނީ ރޯދަ މަހާދިމާކޮށް 135 ދަނޑެއްގައި ކަރާ ހައްދަމުންނެވެ. އޭގެ ތެރެއިން ކޮންމެ ދަނޑަކުން 500 ކަރާ ނެރެވޭނެ ކަމަށް ތޮއްދޫގެ ދަޑުވެރިންލަފާކުރެ އެވެ. ތޮއްޑޫގެ ދަނޑުވެރިންގެ އިތުރުން މާލެ އަތޮޅާއި ލ. އަދި އައްޑޫއާއި ފުވައްމުލަކުގެ ދަނޑުވެރިން ވެސް އަންނަނީ ބާޒާރަށް ކަރާ ގެންނަމުންނެވެ.