20 Jul 2012, 16:59
ހަފުތާގެ އެހެން ދުވަސް ދުވަހާ އަޅާބަލާ އިރު ހުކުރު ދުވަހު މަގުތައް ފެންނާނީ އަމާންކޮންނެވެ. ހުކުރު ދުވަހަކު މަގުތަކުގެ ކާރުބާރު ބޮޑުވިއަސް ކާރުބާރު ބޮޑު ވަނީ ހަވީރާއި ރޭގަނޑު އެވެ. ނަމަވެސް މިއަދުގެ މަންޒަރު ތަފާތެވެ. ހުކުރުން ފާބައިގެން އެންމެން ވެސް ޖައްސަން ޖެހުނީ ދިގު ކިޔޫތަކުގަ އެވެ. މަސް ފިހާރަތަކާއި ލޯކަލް މާރުކޭޓާއި މަސް މާރުކޭރުކޭޓުން ވެސް އެއްޗެއް އަތުޖައްސާ ނަމަ އިރު ގަޑަކު ކިޔޫގައި މަޑުކުރަން ޖެހެ އެވެ. އެންމެންގެ ވެސް އަޒުމަކަށްވެފައި އޮތީ މުލަ ރޯދަ ދުވަހުގެ ސުފުރާ މަތި މީރު ރަހަތަކުން ފަޅުފިލުވުމެވެ.
"މިވަރުންވެސް އަހަރުމެން ބޭނުމޭ މީރުކޮށްކާން،" މާފަންނު ކޮޅު، މިފްކޯ މަސްފިހާރަ ހުޅުވާނޭ ކަމުގެ އިންތިޒާރުގައި ކިޔޫގައި ޖެހިގެން ހުރި ސްކޫލް ދައުރުގެ ރައްޓެއްސަކު ބުންޏެވެ. "މުޅި ދުވަހު ނުކައި ތިބެފައި އެވަގުތު ރަހަ ރަނގަޅު ކުރަން ވާނެތާ،"
އެހެން ހުކުރު ދުވަސްތަކާ ހިލާފަށް މިއަދު ހުކުރުން ފައިބައިގެން އެންމެން ވެސް ދުއްވައިގަތީ ވިޔަފާރި ކުރަން ބާޒާރުތަކާއި ދިމާލަށެވެ. ދިވެހިންގެ ކެއުމުގެ ބޮޑުބައެއް ހިއްސާ ކުރާ މަސް ވިއްކާ ތަންތަނުގައި ކިޔޫތައް ދިގުވެފައި ކާރުބާރޫ ވަކީން ބޮޑެވެ. ގަޑިން 1:45 ވީއިރު މިފްކޯގެ މަސް ފިހާރައިގެ ބޭރުގައި އޮތީ ދިގު ކިޔޫ ހަދައިފަ އެވެ. ގައިމު ވެސް އެ ކިޔުގައި 30 ހަކަށް 40 ހަކަށް މީހުން ތިބޭނެ އެވެ. އެ ސަރަހައްދުގައި ހުންނަ އެފްއޭއެމް ހައުސްގެ ތިރީގައި ކޫއްޑޫން މަސްފިހާރައެއް ހުޅުވާފައި ހުއްޓަސް ދެ ތަން ވެސް އޮތީ މީހުންތަކުން ތޮއްޖެހިފަ އެވެ. އެތަނުން ފިހާރައަކުން އެއްޗެއް ގަންނަ ގަޑިއިރެއް ވަރު ހޭދަވާނެ އެވެ.
"ޕިސްޕިސް، މިއޮއްކަމެއް ދޯ، އަދިވެސް ނުޖެހޭތަ،" ކިޔޫގެ އެންމެ ފުލުގައި ހުރި އަންހެނަކު ޖެހިގެން ހުރި ފިރިމީހާ ކައިރީ އަހާލި އެވެ.
އަހަރަކު އެއްފަހަރު މުސްލިމުންނަށް އަންނަ ރޯދަމަހު އަބަދުވެސް ބާޒާރަށް ކާރޫބާރުކަން ވެރިވެ އެވެ. ދިރިއުޅުމުގެ އާދަތަކަށް ބޮޑަތި ބަދަލުތަކެއް ގެންނަންޖެހެ އެވެ. އޮފީސްތަކަށް ދާގަޑިތައް ކުރުވެ އެވެ. އަރާމު ކުރުމާއި އަޅުކަމާއި ކުޅިވަރަށް ހާއްސަ ކުރެވޭ ގަޑިތައް ގިނަވެ އެވެ.
ވިޔަފާރިވެރިންނަށް ރޯދަމަސް އަންނާނީ ތިޔާގިކަމާ އެކު އެވެ. ތަންކޮޅެއް އަތްމަތި ހަލުވިކޮށްލައިގެން އުޅެންޖެހެ އެވެ. ރޯދަމަހުގައި ލޯކަލް މާރުކޭޓު، ދިވެހި އުފެއްދުންތަކުން ފެންނަނީ ތިޔާގިކޮށެވެ. މިފަހަރު ވެސް އެކަން އޮތީ ހަމަ އެހެންނެވެ. މީހުން ގިނަކަމުން ގިނަ ފަހަރަށް ފައިޖައްސާލާނޭ ތަންކޮޅެއް ވެސް ނުލިބެ އެވެ. ލޯކަލް މާރުކޭޓުގައި ކަރާ، ފަޅޯ، ކުނރުބާ އަދި ކޮޕީފަތް މިހެން ގޮސް ދިވެހި އުފެއްދުންތައް ނަންހުސްކޮށް ލިބެން އެބަހުއްޓެވެ.
"މިފަހަރު ވެސް [ރޯދަމަސް] ނިމެންދެން ތަކެތި ލިބޭނެކަމުގެ ޔަގީންކަން އެބައޮތް،" ތޮއްޑޫގެ ދަނޑުވެރިއަކު ބުންޏެވެ. "މިފަހަރުވެސް ހަމަ ރަނގަޅު ވަރަށް އަޅުގަނޑުމެން ހައްދާފައި މި ހުރީ،"
މުލަ ރޯދަ ދުވަސްކަމުން ލޯކަލް މާރުކޭޓާއި މަސްމާރުކޭޓު އަދި ބާޒާރު މަތި އޮތީ މީހުންނާއި އެއްޗިހިން ފުރިފަ އެވެ. ސައިކަލު ޕާކު ކުރަން ތަންކޮޅެއް ވެސް ނުލިބެއޭ ބުނެވިދާނެ އެވެ. އެއްރާގަކަށް އިވެނީ ދުއްވާ އެއްޗިހީގެ ބަރުގޮނުގެ އަޑެވެ. ޕިކަޕުތައް މުދަލުން ފުރި ބާރުވެފަ އެވެ.
މަގުމަތިން ތަންކޮޅެއް އެތެރެއަށް ޖެހި މަސްމާރުކޭޓަށް ވަންނަ ނަމަ މާރުކޭޓުގައި މަސްތިޔާގި ނޫނަސް މީހުން އޮތީ ފިތިބާރުވެފަ އެވެ. މަސްވެރިން ބުނީ މިއަދު މަސް އެހާ މަދީ ހުކުރު ދުވަސް ކަމަށް ވުމުން ކަމަށެވެ. ތަރުކާރީ ވިއްކާ ފިހާރަތައް ވެސް ހަމަ އެފަދަ ހާލެވެ. މަޖީދީމަގު ވިޔަސް އަދި މަސްފިހާރައެއް ވިޔަސް ސްޕަމާކެޓެއް ވިޔަސް އޮތީ މީހުންނުން ފުރިފަ އެވެ. ކައުންޓަރު ދޮށުގައި ކިޔޫ ދިގެވެ. މިއީ މަގު ހިނގާ މީހުންނަށާއި މަގުގެ ބޭނުން ކުރާ މީހުންނަށް 30 ދުވަހުގެ ވޭނެކެވެ. ދިގު ކިޔޫތަކުގެ ފަހަތުގައި ވަނީ މީރުރަހަތަކަށް ކުރެވޭ ދިގު އިންތިޒާރެވެ.