އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ގައުމީ ނިޒާމުގެ ގާނޫނު ތަސްތީގު ކުރުމުގެ ކުރިން ހެލްތު މިނިސްޓްރީ އާއި އާސަންދަ ކުންފުންޏާއި ފިނޭންސް އެގްރިމެންޓް ކުރި އެއްބަސްވުން ބަދަލުކޮށް، ބަންޑާރަ ނައިބުގެ ލަފަޔަކަށް ހުށަހަޅުއްވާފައިފި އެވެ.

ހެލްތު މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ އާސަންދަ ނިޒާމަކީ ގާނޫނުގައި ބުނާ އިޖުތިމާއީ ސިއްހީ އިންޝުއަރެންގެ ނިޒާމެއް ނޫން ކަމަށެވެ. އަދި އެއީ ޑިސެންބަރު 29، 2011 ވަނަ ދުވަހު ތަސްތީގު ކުރި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނުގެ އައުމުގެ ކުރިން ގާއިމު ކުރި ނިޒާމެއް ކަމަށެވެ.

އާސަންދަ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޑިސެންބަރު 22، 2011ގަ އެވެ.

ގާނޫނު އައުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ގާނޫނީ ބޮޑެތި މައްސަލަތަކެއް ދިމާވާ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އާސަންދައިގެ ހިއްސާ އޮންނަ އެލައިޑް އިންޝުއަރެންސާއި ހެލްތުން އިއްޔެ ފެން ބިލްޑިންގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގު އަލީ ލުތުފީ އިއްޔެ ވިދާޅުވީ އާސަންދައިގެ އެއްބަސްވުމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން އެއްބަސްވުމަށް ގެންނަ ބަދަލުތަކާމެދު އާސަންދަ ކުންފުންޏާއި ހެލްތާއި ފިނޭންސުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެއްބަސްވުމަށް ގެންނަ ބަދަލުތަކާ މެދު ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ދެކެވަޑައިގަންނަވާ ގޮތެއް ނިންމެވުމާ އެކު، އާސަންދަ ނިޒާމުގެ ދަށުން ކްލިނިކްތަކުން ހިދުމަތް ދޭން ފަށާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"އާސަންދައާއި ފިނޭންސާއި ހެލްތާ އެކު އެއްބަސްވުމަކަށް އާދެވި މިހާރު އޭޖީގެ ރިކޮމަންޑޭޝަނަކަށް ވާނީ ފޮނުވާލެވިފައި. ސަރުކާރުގެ ކޮންޓްރެކްޓެއް ބަދަލު ކުރަންޖެހިއްޖެ ނަމަ ކަންހިނގާ އުސޫލު އެއީ. ދެން އެ ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން 'ސޮއިކޮށްލުމުން' ޕްރޮސީޖަރަލް ހުރިހާ މައްސަލަތަކެއް ނިމުނީ،" ތޯރިގު ވިދާޅުވި އެވެ.

އާސަންދައިން ހިދުމަތް ދިނުމަށް ހުށަހަޅާފައިވާ 22 ކްލިނިކްތަކުގެ ތެރެއިން މިހާތަނަށް ހަތަރު ކްލިނިކަކުން ސަރުކާރުން ޝަރުތު ކުރާ އަގުތަކުގައި ހިދުމަތް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި އާސަންދައަށް ހުށަހަޅާފައިވާ ކްލިނިކްތަކުގެ ތެރެއިން ޝަރުތުހަމަވާ ކްލިނިކްތަކުން އާސަންދައިން ބޭސް ކުރެވޭނީ އާސަންދައިގެ އެއްބަސްވުން މުޒާރާ ކުރި ގޮތަށް އަލުން އެގްރިމެންޓް ކުރެވިގެން ކަމަށެވެ.

"އެންމެ ފަހުން ހުޅުވާލެއްވި އިރު އެޕްލައި ކުރެއްވި ތަރުތީބުން އެބޭފުޅުންނަށް ފައިނަލް ޕަރައިޒްތައް ވެސް ދެމުން. މިއަދުވެސް ހަތަރު ތާކުން އިޝޫކޮށްފި ޕްރައިޒްތައް. މިހާރު އަޅުގަނޑުމެންގެ ވިސްނުމުގައި މިހިރީ އާސަންދައިން ޗާޖުކުރާ އަގެއް އަޅުގަނޑުމެން އެބޭފުޅުންނަށް ދަންނަވާނީ. އެ އެބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ގޮތަކަށް ހުށަހެޅުއްވުމުން މިކޮޅުން ގޮތެއް ނިންމާނީ،" ތޯރިގު ވިދާޅުވި އެވެ.

އާސަންދަ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ޝަފާޒު ވިދާޅުވީ އިއްޔެގެ ނިޔަލަށް 450 މިލިއަން ރުފިޔާ އާސަންދައިގެ ބަޖެޓްގެ ތެރެއިން ހަރަދުވާނެ ކަމަށް ދައްކާ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓްގައި އާސަންދައަށް 720 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް، އަދި އެ ފައިސާ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުސްވާނެ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އަންދާޒާކޮށްފައި އޮތް ނަމަވެސް، ޝަފާޒު ވިދާޅުވި އެފައިސާ އިން މެނޭޖު ކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް މެނޭޖު ކުރެވޭނީ އާސަންދައަށް ގެންނަ ބަދަލުތަކާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.