24 Aug 2010, 09:55
14:55
ޢަދާލަތު ޕާޓީން އިސް ނަގައިގެން ފެށި "ޕާކިސްތާން ރިލީފް ފަންޑް" ގައުމީ ހަރަކާތަކަށް ބަދަލުވެ، އެ ފަންޑަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ގެދޮރު ހަލާކުވެ، ބޯހިޔަވަހިކަމެއް ނެތި ދަތި ހާލުގައި އުޅެން ޖެހިފައިވާ ހަތަރު މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕީކޭ ރިލީފް ފަންޑް ގާއިމްކުރީ އަދާލަތު ޕާޓީން އިސްނަގައިގެންނެވެ. އެހެންނަމަވެސް، މިހާރު މި ހަރަކާތުގައި 100 އަށް ވުރެ ގިނަ މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިންވެރިންނާއި ސިޔާސީ ޕާޓީތަކުގެ އިތުރުން އެކިއެކި ފަރާތްތަކުން ބައިވެރިވެ، ގައުމީ ހަރަކާތަކަށް މިކަން ވަނީ ބަދަލުވެގެން ގޮސްފަ އެވެ.
ޕީކޭ ރިލީފް ފަންޑުގެ ކޯޑިނޭޓަރ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ، މި ފަންޑުގެ ދަށުން މާލޭގައި ބެހެއްޓި އެހީގެ ފޮށިތަކަށް ރޭގެ ނިޔަލަށް އެ ފަންޑަށް ހަތްލައްކަ އަށާވީސް ހާސް ރުފިޔާ ލިބިފައިވާ ކަމަށެވެ. މިހާރު މަސައްކަތްކުރަމުންދަނީ ފައިސާ ދެވޭނެ ފަސޭހަ ގޮތްތަކެއް އާއްމުންނަށް ފޯރުކޮށްދިނުމަށް ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ. އެހެންކަމުން މާލެ އާއި އަތޮޅުތަކުގެ ތެރޭގައި އިތުރު ފަންޑު ފޮށިތައް ބަހައްޓާ، އަދި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކަށް މޯބައިލް ފޮށިތަކެއް ވެސް ގެންދިއުމަށް ނިންމާފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އަދި އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދުކުރާ މިސްކިތްތަކުގެ ބޭރުގައި ޕީކޭ ރިލީފް ފަންޑުގެ ފޮށިތައް ބަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމަ އެއާއެކު، ޕާކިސްތާނުގެ ރައްޔިތުންނަށް ހަމްދަރުދީވެ، ޝުއޫރު ފާޅުކުރުމުގެ ގޮތުން އެއްބައިވަންތަކަމުގެ އެއްވުމެއް އަންނަ ހޮނިހިރު ދުވަހު ހަވީރު ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ އިތުރަށް ވިދާޅުވީ، ޕީކޭ ރިލީފް ފަންޑުގެ ފުރަތަމަ ފިޔަވަހި ނިންމާލާނީ ބަރަކާތްތެރި ފިތުރު އީދު ދުވަހު ކަމަށެވެ. އަދި އެ ފަންޑަށް ޖަމާވާ ފައިސާ ޕާކިސްތާނު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އެންމެ އަދުވެރި މަގެއް ހޯދުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ސްޓޭޓް މިނިސްޓަރ ޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު މަޝްވަރާކުރައްވަމުން އެބަގެންދަވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާ ތެރޭގައި ވަކި ގޮތެއް ކަށަވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.